ދުނިޔޭގެ ވިޔަފާރި

ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ފުރަތަމަ ފަހަރަށް ކަނބަލެއް އައުމާ ގާތަށް!


ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ވެރިއަކު ހޮވުމާ ގާތަށް ޖެހިލައިފިއެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 8 ފަރާތެއްގެ ނަން ހުށަހެޅުމަށްފަހު މިހާރު ވަނީ ފައިނަލް 2 ބޭފުޅެއްގެ ނަން ޝޯޓްލިސްޓްކޮށްފައެވެ.

ޑަބްލިއުޓީއޯގެ ވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމަޤާމުގައި މިހާރު ހުންނެވި ބްރެޒިލްގެ ރޮބާޓޯ އެޒްވާޑޯ މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޤާމުން ވަކިވެވަޑައިގަންނަވާނެކަން މޭމަހު އިޢުލާންކުރުމުންނެވެ. 2 ދައުރު އެމަޤާމުގައި ހުންނެވުމަށްފަހު ރޮބާޓޯ މަޤާމުން ވަކިވުމަށް ނިންމެވިއިރު، އޭނާގެ މަޤާމުގެ ދައުރުގެ އެއް އަހަރު ބާކީ އެބައޮތެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތުގައި 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ. އެހެންނަމަވެސް މި 8 ފަރާތުގެ ތެރެއިން މިހާރު ވަނީ ފައިނަލް 2 ބޭފުޅެއްގެ ނަން ޝޯޓްލިސްޓްކޮށްފައެވެ.

ބައިނަލްއަޤްވާމީ ވިޔަފާރިއާބެހޭ ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މިހާރު ވާދަކުރައްވަނީ ނައިޖީރިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އެންގޯޒީ އޮކޮންޖޯ އިވެއެލާއާއި ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިޔުންގް ހީއެވެ. މި ދެބޭފުޅުން ތެރެއިން ދުނިޔޭގެ ވިޔަފާރި ޖަމުޢިއްޔާގެ ވެރިޔާގެ މަޤާމަށް ހޮވޭ ބޭފުޅަކު ވެގެންދާނީ، 25 އަހަރުގެ ދިގު ތާރީޚުގައި ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މިހާރު ވާދަކުރައްވާ ދެ ބޭފުޅުންނަކީވެސް، ސިޔާސީ ދާއިރާއާއި އިންޓަނޭޝަނަލް ރިލޭޝަންގެ ދާއިރާއިން އެމެރިކާގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

އެންގޯޒީ އޮކޮންޖޯ އިވެއެލާއަކީ އެމެރިކާގެ ރައްޔިތުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައިވާއިރު އެކަމަނާ މި މަޤާމަށް ހޮވިވަޑައިގެންފިނަމަ އެކަމަނާ ވެގެންދާނީ މި ޖަމުޢިއްޔާގެ އެންމެ ފުރަތަމަ އަންހެން ވެރިޔާގެ އިތުރުން ކަޅު ނަސްލުގެ ވެރިޔާއަށްވެސްމެއެވެ. އޮކޮންޖޯ އިވެއެލާއަކީ ނައިޖީރިއާގެ ފިނޭންސް މިނިސްޓަރުކަމުގެ ދެ ދައުރާއި ފޮރިން މިިނިސްޓަރކަމުގެ މަޤާމުވެސް ކުޑަ ދުވަސްކޮޅަކަށް ފުރުއްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ ވޯލްޑް ބޭންކްގައިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ވޯލްޑް ބޭންކްގައި އިކޮނޮމިސްޓެއްގެ ގޮތުން ގިނަ ދުވަސްތަކެއް ޚިދުމަތްކުރައްވާފައިވާއިރު މި ބޭންކްގެ ދެވަނައަށް އެންމެ އިސް މަޤާމުކަމުގައިވާ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުވެސް އޮކޮންޖޯ އިވެއެލާ ވަނީ ފުރުއްވާފައެވެ.

އޮކޮންޖޯ އިވެއެލާ މިހާރު ދަނީ އިންޓަނޭޝަނަލް ވެކްސިންސް އެލަޔަންސް، ގަވީގެ ބޯޑުގެ ޗެއަރކަންވެސް ކުރައްވަމުންނެވެ.

އޮކޮންޖޯ އިވެއެލާއާއި ޚިލާފަށް ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިޔުންގް ހީއަކީ ޓްރޭޑް ސްޕެޝަލިސްޓެކެވެ. މަޤާމަށް ހޮވުމަށް ކުރިއަށްގެންދިޔަ އިންޓަވިއުގައި އެކަމަނާ ވަނީ އުމުރުދުވަސް ހޭދަކުރެއްވީ މިދާއިރާގައިކަަމަށް ވިދާޅުވެފައެވެ.

ޔޫ މިޔުންގް ހީއަކީ ދެކުނު ކޮރެޔާގެ އެންމެ މުހިންމު ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކޮރެޔާއިން ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދު ޗައިނާއާއި އެމެރިކާއާއެކު އެކުލަވާލި ވިޔަފާރީގެ އެއްބަސްވުންތަކުގައި ޔޫ މިޔުންގ ހީ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ދެ ބޭފުޅަކު ވާދަކުރައްވާއިރު، އޮފިޝަލުން ބުނާގޮތުން ނޮވެމްބަރުމަހުގެ ކުރީކޮޅު ޑަބްލިޔުޓީއޯ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތް ނިމޭނެއެވެ.

ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން، ޑަބްލިޔުޓީއަށް އައު ވެރިއަކު ހޮވުމާއި ގާތްވެފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމަށްވާ ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ތަޅާފޮޅުމުގައި އެ ޖަމުޢިއްޔާއަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން އަލަށް އިންތިޚާބުވާ ވެރިއަކަށް މި ކޯޅުންގަނޑު މައިތިރިކުރަން އުނދަގޫތަކާއި ކުރިމަތިވާނެކަމަށް ބެލެވެއެވެ.

ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް އެމެރިކާއިން 2018 ވަނަ އަހަރު ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިގެ އުސޫލުތަކާއި ޚިލާފު ނިންމުމެއްކަމަށް ޑަބްލިއުޓީއޯއިން ނިންމުމުން އެކަން ވެގެން ގޮސްފައިވަނީ އެމެރިކާގެ ނުރުހުން މި ޖަމުޢިއްޔާއަށް އަމާޒުވި މައިގަނޑު ސަބަބަށެވެ. އެމެރިކާއިން ވަނީ ޑަބްލިއުޓީއޯއަކީ ޗައިނާ ޖަވާބުދާރީ ކުރުވޭވަރުގެ ބާރެއްވެސް އަދި ޤާބިލުކަމެއްވެސް ލިބިފައިވާ އިދާރާއެއް ނޫންކަމަށް ބުނެފައެވެ.