ސިއްހަތު

އައިޖީއެމްއެޗްގައި ފޮޓޯތެރަޕީގެ ޚިދުމަތް އަލުން ފަށައިފި




އައިޖީއެމްއެޗްގައި
ފޮޓޯތެރަޕީގެ ޚިދުމަތް އަލުން ފަށައިފިއެވެ.



ފޮޓޯތެރަޕީއަކީ، ހަމުގެ ބައެއް
ބަލިތަކަށް ފަރުވާހޯދުމަށްޓަކައި އަލްޓްރާވައިލެޓް ލައިޓް ބޭނުންކޮށްގެން ދެމުންދާ
ފަރުވާއެކެވެ. ހަމުގެ ބަލިތަކުގެތެރެއިން ހުދުބަލި، ސޯރިއާސިސް، ޕިގްމެންޓޭޝަން އަދި
ގިނަދުވަސްވީ ބައެއް ހިރުވުންވުންތަކަށްވެސް ފަރުވާދިނުމަށް ފޮޓޯތެރަޕީގެ ޚިދުމަތް
ބޭނުންކުރެއެވެ. މިފަދަ ބަލިތަކަށް މެޝިނުން ކޮންޓްރޯލްކޮށްގެން ވަކި ޑޯޒަކަށް
ހަންގަނޑަށް އަލިއަޅުވާލައިގެން ފަރުވާދެވެއެވެ.



ޕީއެސްއެމްއަށް
މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ހަމުގެ ސްޕެޝަލިސްޓް ޑޮކްޓަރ މުޙައްމަދު
ހައިކަލް ވިދާޅުވީ ފޮޓޯތެރަޕީގެ ޚިދުމަތް އެހޮސްޕިޓަލްގައި ކުރިން ދެމުން
އައިނަމަވެސް އެޚިދުމަތް ހުއްޓުމަށްފަހު މިހާރު އަލުން ފަށާފައިވާކަމަށެވެ. ހައިކަލް
ވިދާޅުވީ މިޚިދުމަތުގައި ބޭނުންކުރެވޭ ޑޯޒްތައް ޔަޤީންކުރެވޭ ފަދަ
މެޝިނަކާއިއެކު އަލުން ފެށި މި ޚިދުމަތައް އާސަންދައިން ކަވަރކުރެވޭނެކަމަށެވެ.



"އާމެޝިނެއް ގެނެސްގެން ޚިދުމަތް މިފެށީ. މީގަ ދެވައްތަރެއް
ހިމެނޭނެ އެއީ އަލްޓްރާވައިލެޓް އޭ އަދި އަލްޓްރާވައިލެޓް ބީ. ޑޮކްޓަރަކަށް ދައްކައިގެން
ފަރުވާ ފެށޭނީ، ހުދުބަލީގެވެސް ހުރިހާ ބަލިމީހުންނަކަށް ފޮޓޯތެރަޕީއެއް ނުދޭނެ،
ފުރަތަމަ ހަމުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު އެކަން ހަމަޖެހިގެންދާނީ. މިބައްޔަކީ
އާސަންދައިން ކަވަރކުރެވޭނެ ހިދުމަތެއް"

މިޚިދުމަތް
ދެވޭ ބަލިތަކަކީ ދިގުމުއްދަތަކަށް ދެވޭ ފަރުވާއަކަށްވާތީ، ބައެއް ހާލަތްތަކުގައި
ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވަންޖެހޭތީ އަލުން މިޚިދުމަތް ފެށުމަކީ
ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންތެރިކަމެއް ކަންވެސް ޑރ.ހައިކަލް
ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗުން އަންނަނީ އެހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް އާންމުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.