ކުޅިވަރު

ސަވިޗް ދެ ލަނޑުން މޮޅުވެ ސާބިއާ ޔޫރޯއަށް ކޮލިފައިވުމުގެ އުންމީދުގައި


ޔޫރޯ ކޮލިފައިން ޕްލޭއޯފްގައި ނޯވޭ ބަލިކޮށް ސާބިޔާއިން މުބާރާތަށް ކޮލިފައިން ވުމުގެ އުންމީދު އާކޮށްފިއެވެ.

ނޯވޭގެ މައްޗަށް ސާބިޔާއިން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ކުޅުނު 30 މިނެޓުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑުން ކުރި ހޯދައިގެންނެވެ.

އޮސްލޯގައި ކުޅުނު މެޗުގައި ދެ ޓީމުން ލަނޑު ޖަހާފައި ވަނީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް އިޓަލީގެ ލާޒިޔޯއަށް ކުޅެމުން އަންނަ ސާޖް މިލިނޮވިޗް ސަވިޗް ލަނޑު ޖަހާ ލީޑް ނަގާފައެވެ. ނޯވޭ އިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެތިއަސް ނޫމާން ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުން ސާބިއާ މޮޅުވި ލަނޑު ސަވިޗް ކާމިޔާބުކުރީ ކުޅުނު އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައެވެ.

މުބާރާތުގައި ޕްލޭއޯފްގެ ފަހު މެޗުގައި އަންނަ މަހު ސާބިއާ ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖޯޖިއާ ވަނީ ބެލަރޫސް ބަލިކޮށް ޔޫރޯއަށް ކޮލިފައިވުމާ ގާތަށް ޖެހިލާފައެވެ. މެސެޑޯނިޔާއިން ކޮސޯވޯ ބަލިކުރި އިރު ބަލްގޭރިޔާ ބަލިކޮށް ހަންގޭރީ ވަނީ ކޮލިފައިވުމުގެ އުންމީދު އާކޮށްފައެވެ. އައިސްލޭންޑް ވަނީ ރޫމޭނިޔާ ބަލިކޮށް ޕްލޭއޯފް ފަހު މެޗުން ޖާގަ ހޯދާފައެވެ.