ކުޅިވަރު

ބޮސްނިއާ ބަލިކޮށް ނޮދަން އަޔަލެންޑު ޔޫރޯއަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި


ޔޫރޯ ކޮލިފައިންގައި ބޮސްނިއާ ބަލިކޮށް ނޮދަން އަޔަލެންޑުން މުބާރާތައް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގެ ކޮލިފައިން ޕްލޭ-އޮފްގައި ރޭ ކުޅުނު މެޗު ނޮދަން އަޔަލެންޑުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު 1-1 އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 30 މިނެޓުގައި ލަނޑެއް ނުޖެހުމުން ޕެނެލްޓީގައި 4-3 ކުރި ހޯދައިގެންނެވެ.

ބޮސްނިޔާއަށް މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރޭޑް ކްރިންޗެވެ. ނޮދަން އަޔަލެންޑަށް ނަތިޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނެޓްގައި ނިއޯލް މެކްގިންއެވެ. މިއީ ނޮދަން އަޔަލެންޑްގެ ކެޕްޓަން ޑޭވިސް ގައުމީ ޓީމަށް ކުޅުނު 120 މެޗެއެވެ.

މިމޮޅާއެކު ޔޫރޯ ކޮލިފައިން ޕްލޭ އޯފްގެ ފަހު މެޗުގައި އަންނަ ނޮވެންބަރު މަހު ނޮދަން އަޔަލެންޑް ވާދަކުރާނީ ސްލޮވަކިޔާ އާ ދެކޮޅަށެވެ.

އަންނަ އާދީއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި ނޮދަން އަޔަލެންޑް ނޯވޭއާ ދެކޮޅަށް ނުކުންނާނެއެވެ. މިމެޗުގައި ނޮދަން އަޔަލެންޑުގެ 600 ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ ދޭނެކަމަށް ރޭގެ މެޗުގެ ކުރިން ނޮދަން އަޔަލެންޑްގެ އެފްއޭއިން ވަނީ ހާމަކޮށްފައެވެ.