ވިޔަފާރި

ގާފަރާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީގައި ހިލޭ ވައިފައި ދެނީ


ކާށިދޫއާއި، ގާފަރާއި، މާލެއާއި ދެމެދު ދަތުރުކުރާ ފެރީގައި ހިލޭ ވައިފައިގެ ޚިދުމަތް ދޭންފަށައިފިއެވެ.މިޚިދުމަތް ތަޢާރަފްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ، ފައިސަލް ފައުންޑޭޝަނާއި ދިރާގު ގުޅިގެންނެވެ. ދިރާގުން ފޯރުވައިދޭ އިންޓަރނެޓްގެ ޚިދުމަތް ފެރީގައި ދަތުރުކުރާ ފަރާތްތަކަށް ހިލޭ ދޫކުރަނީ ފައިސަލް ފައުންޑޭޝަންގެ ފަރާތުންނެވެ. މި ޚިދުމަތް ފެށުމަށް މިއަދު އެމް.ޓީ.ސީ.ސީގެ ދާންނާ ގިމަތައިގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރ ފައިސަލް ވިދާޅުވީ މި ޚިދުމަތް ތަޢާރަފް ކޮށްފައި މިވަނީ ވިޔަފާރިއެއްގެ ގޮތުން ނޫން ކަމަށެވެ. އަދި މިފަދަ ޚިދުމަތެއް ދިނުމުގެ މަޤްސަދަކީ ރައްޔިތުން އިންތިޚާބު ކޮށްފައި ހުރި މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެފަދަ ގޮތްތަކަކަށް ކަންކަން ހަމަޖައްސައި ދެއްވުމުގެ ގޮތުންކަމަށް ފައިސަލް ވިދާޅުވިއެވެ. ސްމާޓްފެރީ ތަޢާރަފް ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މިޚިދުމަތަކީ ތަޖުރިބާކޮށްލަން ރަނގަޅު ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.ކާށިދޫއާއި މާލެއެއާއި ދެމެދު ދަތުރުކުރާ މި ފެރީގެ ދަތުރުމަތީގައި ގާތްގަނޑަކަށް 5 ގަޑިއިރު ހޭދަވެއެވެ.