ޚަބަރު

ރައީސް ޓްރަންޕަށް ތަހުލީލީ ބޭހެއް ދިނުމުން ތަހުލީލުތަކުގައި ބައިވެރިވުމަށް ގިނަ ހުށަހެޅުންތަކެއް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ކޯވިޑް-19 ޖެހުމުން އެމަނިކުފާނަށް ފަރުވާދިނުމަށް ބޭނުންކުރަމުންދާ ރީޖެނެރޮން ކުންފުނީގެ ތަހުލީލީ ބޭހުގެ ތަހުލީލުތަކުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ މީހުން ޝައުގުވެރިކަން ފައުޅުކޮށްފިއެވެ.

ރީޖެނެރޮނުން އުފައްދާ ތަހުލީލުކުރަމުންދާ ބޭހަކީ ދިފާޢީ ބާރުތައް ހުންނަ ދެ މޮނޯކްލޯނަލް އެންޓިބޮޑީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. ރީޖެނެރޮން ކުންފުނިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުން ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސްބޭނުންކުރުމުން އުންމީދީ ނަތީޖާތަކެއް ފެންނަކަމަށްވަނީ ފާހަގަވެފައެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ކޯވިޑް-19 ޖެހުމުން އެމަނިކުފާނަށް ފަރުވާދިނުމަށްވެސް އެ ބޭސްދަނީ ބޭނުންކުރަމުންނެވެ.

ހަސްފަތާލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވައިޓު ހައުސަށް އެނބުރި ވަޑައިގެންފައިވާ ރައީސް ޓްރަންޕުގެ ޑޮކްޓަރުން ވިދާޅުވީ އެމަނިކުފާނުގެ ލޭގެ ތަހުލީލުތަކުން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ ލޭގައި ހުރިކަމަށް ދައްކާކަމަށެވެ. ރީޖެނެރޮންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުނީ އެއީ އެމަނިކުފާނަށް ފަރުވާދިނުމަށް ރީޖެނެރޮންގެ ބޭސް ބޭނުންކުރުމުގެ އަސަރުކަމަށް ޤަބޫލުކުރެވޭކަމަށެވެ.

ރައީސް ޓްރަންޕުވެސްވަނީ ޙާލުކޮޅު ރަނގަޅުވުމާ ރީޖެނެރޮންގެ ބޭހާ ގުޅުވައިފައެވެ. އެމެރިކާގެ ފުޑް އެންޑު ޑުރަގު އޮތޯރިޓީގައި ކުއްލި ޙާލަތުގައި ބޭސް ބޭނުންކުރުމުގެ ޙުއްދައަކަށް މިހާރު އެދިފައިވާ އެ ބޭހާއި އެފަދަ އެހެން ބޭސްތައް އެފަދަ ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދިނުމަށް ބާރުއަޅުއްވާނެކަމަށް ރައީސް ޓްރަންޕު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ފަރުވާއަށް ބޭނުންކުރަމުންދާ ބޭސްތައް އަގަކާ ނުލައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށްވެސް ޓްރަންޕު ވިދާޅުވިއެވެ.

ޞިއްޙީ މާހިރުން ބުނީ ކޯވިޑް-19އަށް ފަރުވާދިނުމަށް ފުޅާ ދާއިރާއެއްގައި ރީޖެނެރޮންގެ ބޭސް ބޭނުންކުރުމުގެ ކުރިން ބޭހުގެ ފައިދާތައް އިތުރަށް ދިރާސާކޮށް މަޢުލޫމާތު އެއްކުރަންޖެހޭކަމަށެވެ. ނަމަވެސް ރައީސް ޓްރަންޕަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުން އޭގެ ސަބަބުން ބޭހަށް ލިބޭ ސަމާލުކަން އިތުރުވެ އެ ބޭސް ބޭނުންކުރުމުގެ ޙުއްދަ ދިނުމަށް ކަމާބެހޭ އިދާރާތަކަށް ޕުރެޝަރު ބޮޑުވާނެކަމާމެދު ޑޮކްޓަރުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ޔުނިވަސިޓީ އޮފް މަޔާމީ މިލާ ސްކޫލް އޮފް މެޑިސިންގެ ޑޮކްޓަރެއްކަމަށްވާ ޑރ. ގެރީ ކުލެއިނާދަނީ ރީޖެނެރޮނުގެ ބޭހުގައި ބޭނުންކުރާ އެންޓިބޮޑީގެ ސަބަބުން ކޯވިޑް-19 ޖެހުމުން ދުރުހެލިކޮށްދޭތޯ ބެލުމަށް ތަހުލީލުތަކެއް ކުރަމުންނެވެ. އޭނާ ވިދާޅުވީ ފާއިތުވި ހަފުތާގެ ތެރޭގައި އެ ތަހުލީލުތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުންދާކަމަށެވެ.
ހޫސްޓަން މެތޮޑިސްޓު ހޮސްޕިޓަލުގައި ދިރާސާކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ޑރ. ޑާކް ސޮސްޓްމަން ވިދާޅުވީ އެ ހަސްތަފަތާލުގައި ރީޖެނެރޮންގެ ބޭސް ހިމެނޭގޮތަށް ދެ ބޭހެއްގެ ތަހުލީލުތައް ކުރަމުންދާކަމަށަކާއި އެންޓިބޮޑީ ތަހުލީލުތަކުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ މީހުން ހުށަހަޅަމުންދާކަމަށެވެ. ނަމަވެސް އެ ބޭހާގޮތުން މިހާތަނަށް ލިބިފައިވަނީ ނޫސްވެރިންގެ ކުރު ބައްދަލުވުންތަކެއްގައި ދީފައިވާ މަދު މަޢުލޫމާތުކޮޅެއްކަމަށާއި އެފަދަ ބޭސްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރަންވާނީ އެއާބެހޭ އިތުރު މަޢުލޫމާތު ލިބުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ރީޖެނެރޮންގެ ބޭހުގެ 300،000 ޑޯޒް ގަތުމަށް އެމެރިކާގެ ސަރުކާރުންވަނީ އެ ކުންފުންޏަށް 450 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައެވެ. ސޮސްޓްމަން އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސަށް ކޯވިޑް-19 ޖެހުމުން އެމެރިކާގެ ސަރުކާރުން އެ ބޭހެއް ތައްޔާރުކުރުމަށް ޚަރަދުކުރާ ބޭހަކުން ބަލި ރަނގަޅުވާކަމަށް ޤަބޫލުކުރެވިއްޖެނަމަ އެ ބޭހަށް ޙުއްދަ ދިނުމަށް ކުރިމަތިވާ ފިއްތުންތައް އިތުރުވާނެކަމަށެވެ.

ގައިންގަޔަށްއަރާ ބަލިތަކާބެހޭ އެމެރިކާގެ އެންމެ އިސް މާހިރު ޑރ. އެންތޮނީ ފައުޗީ ވިދާޅުވީ ބަލީގެ ސަބަބުން ޙާލުދެރަވުމުގެ ފުރުޞަތު ބޮޑު ޓްރަންޕުގެ ޙާލުކޮޅު ރަނގަޅުވުމަކީ ރީޖެނެރޮންގެ ބޭހުގެ އަސަރުކަމަށްވުން ވަރަށް ގާތްކަމަށެވެ. ނަމަވެސް އެކަން ޔަޤީންކުރެވޭނީ އިތުރު ދިރާސާތައް ކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.