ޚަބަރު

ދިއްދޫ ޕޮލިސް ކްލަސްޓާ : ހައިރިސްކް 5 ސާމްޕަލް 16 މީހުން އެކަހެރި ކޮށްފި


ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވި ކްލަސްޓާގައި ހިމެނެނީ ހައިރިސްކް 5 މީހުން ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ރޭ ބުނީ ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނޭ ހައިރިސްކް 5 މީހުންގެ ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ. އަދި އެރަށުން އެ ކްލާސްޓާއާއި ގުޅުން ހުރި 16 މީހެއް މިހާރު އެކަހެރި ކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިމަހުގެ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސްމީހާ ދިއްދޫއަށް ވެސް ދަތުރުކޮށްފައިވާތީ، ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މި މަހުގެ 6 އާއި 7 ވަނަ ދުވަހު ދިއްދޫއިން 29 މީހަކު ކޯވިޑަށް ޓެސްޓް ކޮށްފައެވެ.

އެގޮތުން ނެގި ސާމްޕަލްތަކުން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ ރޭގެވަގުތެއްގަ އެވެ. އެ 3 މީހުންނަކީ ވެސް ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހުންނެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ޕޮޒިޓިވްވި ފުލުސްމީހާ ދަތުރުކުރި ރަށްތަކުގެ ތެރެއިން އުތުރުގެ 3 އަތޮޅުން އިތުރު 94 ސާމްޕަލް އިއްޔެ ވަނީ ނަގާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހއ. ހޯރަފުށިން 8 ސާމްޕަލާއި، ދިއްދޫއިން 29 ސާމްޕަލާއި، ކުޅުދުއްފުށީ ސިޓީއިން 23 ސާމްޕަލާއި، ށ.މިލަންދޫއިން 2 ސާމްޕަލާއި، ފޯކައިދޫއިން 6 ސާމްޕަލާއި، ކަނޑިތީމުން 2 ސާމްޕަލް އާއި ފުނަދޫއިން 24 ސާމްޕަލެވެ.