ވިޔަފާރި

ސިޔާމް ވޯލްޑް ރިސޯޓު ޑިސެމްބަރުމަހުގެ ފަހުކޮޅު ހުޅުވަނީ


ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ލިބޭ، ސިޔާމް ވޯލްޑް ރިސޯޓު އަންނަ ޑިސެމްބަރުމަހުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ނ.އަތޮޅު ދިގުރަށުގައި ތަރައްޤީކޮށްފައިވަނީ މި ރިސޯޓުވެގެންދާނީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓަށެވެ. އެގޮތުން މި ރިސޯޓު ތަރައްޤީކޮށްފައިވާ ނ.އަތޮޅު ދިގުރަށުގެ ބޮޑު މިނުގައި 52 ހެކްޓަރު ހުރެއެވެ. އަދި ރަށް ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ.

މި ރިސޯޓުގައި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 12 ރެސްޓޯރެންޓެއް ހުރެއެވެ. ސިޔާމް ވޯލްޑް ރިސޯޓު ފަރުމާކޮށްފައިވަނީ އެކި އުމުރުފުރައިގެ މީހުންނަށްވެސް އެންމެ ހިތްގައިމުކޮށް ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އެގޮތުން ހަނީމޫން ހޭދަކޮށްލުމަށް ރާއްޖެއަންނަ ފަތުރުވެރިންނާއި، ރައްޓެހިންނާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އަދި ކުޑަކުދިން ހިމެނޭ އާއިލާތަކަށްވެސް މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ތަފާތު ތަޖުރިބާއެއްކޮށްލެވޭނެއެވެ.

މި ރިސޯޓުގައި ތަފާތު އެކި ފަންތީގެ 490 އަށްވުރެ ގިނަ ކޮޓަރި ހުރެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ސްޕާއެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ.

ރިސޯޓުން ލިބޭ އެހެނިހެން ޚިދުމަތްތަކަށް ބަލާއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޮޑު ސަރަޙައްދެއް ހަދާފައިވެއެވެ. އަދި މޫދު ކުޅިވަރުތަކަށް ވެސް ސްޕޯޓްސް ސެންޓަރއެއް މި ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ.

ސަން ސިޔާމް ގްރޫޕުން މިހާރުވެސް ދަނީ ރާއްޖޭގައި ހަތަރު ރިސޯތެއް ހިންގަމުންނެވެ. އެއީ ސަން ސިޔާމް އިރުފުށި މޯލްޑިވްސް، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް، ސަން އަކުއާ ވިލު ރީފް މޯލްޑިވްސް، ސަން އަކުއާ އިރުވެލި ރިސޯޓް އަދި މީގެއިތުރުން ލަންކާގައިވެސް އެކުންފުނިން ދަނީ ރިސޯޓެއް ހިންގަމުންނެވެ. އެއީ ސަން އަކުއާ ޕަސިކުޑާ ރިސޯޓެވެ.