ދުނިޔެ

ކޯވިޑް-19 ޖެހުމަކީ ނިޢުމަތެއް: އެމެރިކާގެ ރައީސް


ކޯވިޑް-19 ޖެހުމަކީ ނިޢުމަތެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ސިފަކުރައްވައިފިއެވެ. ރައީސް ޓްރަންޕާއި އޭނާގެ އަނބިކަނބަލުން މިލޭނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުވަނީ އިޢުލާނުކުރައްވާފައެވެ. އޭގެ ފަހުން ތިން ދުވަހުގެ މުއްދަތަށް ވޮލްޓާ ރީޑް އަސްކަރީ ހަސްފަތާލުގައި އެމަނިކުފާނަށްވަނީ ފަރުވާދީފައެވެ. އެމަނިކުފާނު މިހާރުވަނީ ރިޔާސީ އިދާރާ ވައިޓު ހައުސަށް އެނބުރި ވަޑައިގެންފައެވެ.

އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ނެރުއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޓްރަންޕުވަނީ އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނަށް ބަލިޖެހުމަކީ ނިޢުމަތެއްކަމަށް ޤަބޫލުކުރައްވާކަމަށާއި ބަލިޖެހުމުގެ ސަބަބުން ރެޖެރެރޮން ޕާމަސޫޓިކަލްސްއިން އުފައްދާފައިވާ ރެޖްއެން.އޯ ނަމަކަށް ކިޔާ ބޭސް ބޭނުންކޮށް އޭގެ ރަނގަޅު އަސަރު އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އީލައި ލިލީ އެންޑް ކޯ ނަމަކަށް ކިޔާ ކުންފުންޏަކުން ތައްޔާރުކުރާ ލުލީ.އެން ބޭހުގެ ނަންވެސް ޓްރަންޕު ފާހަގަކުރެއްވިއެވެ. ރަސްމީ ޙުއްދަތައް އަދި ލިބިފައިނުވާ އެ ބޭސްތަކުން ކޯވިޑް-19 ފަސޭހަކޮށްދޭކަމަށް ޓްރަންޕު ވިދާޅުވިއެވެ. އެމަނިކުފާނުގެ ފަރުވާއަށް ބޭނުންކުރައްވާފައިވާ ތަހުލީލީ ބޭސްތަކަކީ އެމެރިކާގެ ރައްޔިތުންނަށް އަގަކާ ނުލައި ފޯރުކޮށްދޭނެ ބޭސްތަކެއްކަމަށް ޓްރަންޕު ވިދާޅުވިއެވެ.

ރައީސް ޓްރަންޕުގެ ޑޮކްޓަރުންވަނީ އެމަނިކުފާނުގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަތާ 24 ގަޑިއިރުވެފައިވާކަމަށާއި ހުމުގެ އަސަރެއް ނުފެންނަތާ 4 ދުވަސްވެފައިވާކަމަށް ބުނެފައެވެ. ހަސްފަތާލުގައި އެންމެ ފުރަތަމަ އެނދުމަތިކުރިއިރު އޮކްސިޖަން ދީފައިވާ ނަމަވެސް އޭގެ ފަހުން އެމަނިކުފާނަށް އޮކްސިޖަން ދީފައިނުވާކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

ރައީސް ޓްރަންޕު މިހާރުދަނީ އެމަނިކުފާނުގެ އިދާރާ، އޯވަލް އޮފީހުގައި މަސައްކަތްކުރައްވަމުންކަމަށް ވައިޓު ހައުސުންވަނީ ޔަޤީންކޮށްދީފައެވެ. އެ އިދާރާއިން ބުނީ ވައިޓު ހައުސުގައި މަސައްކަތްކުރާ މުވައްޒަފުން ކޯބިޑް-19އަށް ހުށަހެޅިދާނެކަމުގެ ބިރަށް އޯވަލް އޮފީހަށް ވަދެވަޑައިގަތުމަށް ވައިޓު ހައުސްގެ އެތެރޭގެ މަގުތައް ބޭނުންކުރެއްވުމުގެ ބަދަލުގައި އިދާރާއަށް ވެންނެވުމަށް ރައީސް ޓްރަންޕު ބޭނުންކުރައްވަނީ ގޯތިތެރޭގައި ހުންނަ ރޯސް ގާޑަންކަމަށެވެ. ޗީފް އޮފް ސްޓާފް، މައިކް މެޑޯސް ވިދާޅުވީ މިދުވަސްކޮޅު އޯވަލް އޮފީހަށް ވަދެ ނިކުންނަ ފަރާތްތައް ވީ އެންމެ ބޮޑަކަށް މަދުކޮށްފައިވާކަމަށެވެ.

ދުނިޔޭގައި އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 7.7 މިލިއަން މީހުންނަށް ބަލިޖެހި 216،000 މީހުންވަނި މަރުވެފައެވެ. އެމެރިކާގައި ކޯވިޑް-19 ފެތުރެން ފެށުމުން އެއީ ބޮޑުކަމަށް ނުހައްދަވާ ފިޔަވަޅު އެޅުމުގައި ރައީސް ޓްރަންޕު ލަސްކުރައްވާފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކުރިއަށް އޮތް އެމެރިކާގެ ރިޔަސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް ވާދަކުރައްވާ ޓްރަންޕު މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާ ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ޓްރަންޕުގެ އަރިސް 19 ބޭފުޅަކަށްވަނީ ކޯވިޑް-19 ޖެހިފައެވެ.