އެޕަލްގެ އުފެއްދުންތައް ދައްކާލުމަށް މިމަހުގެ 13 ވަނަ ދުވަހު "ސްޕީޑް" އިވެންޓެއް ބާއްވާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި އިވެންޓްގައި ގިނަ ބަޔަކުން އިންތިޒާރުކުރަމުންދާ އެޕަލްގެ ފައިވްޖީ ނެޓްވޯކް ސަޕޯޓްކުރާ އައިފޯން 12 ދައްކާލާނެކަމަށް ބެލެވެއެވެ.
އެޕަލްގެ ޚާއްސަ އިވެންޓަކަށް ތައްޔާރުވަމުންދާއިރު، އެޕަލްއިން މިހާރު ވަނީ މިމަހުގެ 13 ވަނަ ދުވަހު އެޕަލްގެ ހެޑްކުއާޓާޒްކަމަށްވާ އެޕަލް ޕާކުގައި ބާއްވާ ޚާއްސަ އިވެންޓަކަށް ދައުވަތު ފޮނުވާފައެވެ. "ހައި ސްޕީޑް"ޖަހާފައި ފޮނުވި މި ދަޢުވަތުންވެސް މި އިވެންޓްގެ ތެރޭގައި އެޕަލްގެ އުފެއްދުންތަކެއް ތަޢާރަފްކުރާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. އެގޮތުން މި އިވެންޓުގެ ތެރެއިން ކޯވިޑްގެ ސަބަބުން ރިލީސްކުރުން ލަސްކޮށްފައިވާ ފައިވްޖީ ނެޓްވޯކް ސަޕޯޓްކުރާ އައިފޯން 12 ދައްކާލާނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. އަދި މި އިވެންޓްގައި އެޕަލްގެ އައު އައިޕެޑް އަދި އިލެކްޓްރޯނިކް އާލަތްތަކަށް ޚައްސަ ލޮކޭޓިންގް ޓެގެއް ތަޢާރަފްކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.
އެޕަލްގެ އުފެއްދުންތައް ދައްކާލުމަށް މިމަހުގެ 13 ވަނަ ދުވަހު "ސްޕީޑް" އިވެންޓެއް ބާއްވާން ނިންމާފައިވާއިރު، މި ދިޔަ މަހުގެ ތެރޭގައިވެސް އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ޚާއްސަ އިވެންޓެއް ވަނީ ބާއްވާފައެވެ. ގިނަ ބަޔަކު އުއްމީދުކުރި ގޮތާއި ޚިލާފަށް އައިފޯނު 12 މި އިވެންޓުގައި ދައްކާލާފައި ނުވިނަމަވެސް، އެޕަލްގެ އައު އައިޕެޑްތަކާއި، އެޕަލްގެ އައު ސްމާޓް ވޮޗްތަކާއި ބައެއް ޚިދުމަތްތައް މި އިވެންޓުގައި ވަނީ ތަޢާރަފްކޮށްފައެވެ. އެޕަލްއިން ތަޢާރަފްކުރި އައު އުފެއްދުންތަކަށް ބަލާލާއިރު، މުޅިން އައު ދެ އައިޕެޑް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ އައިޕެޑް އެއަރ ނުވަތަ އައިޕެޑް އެއަރ 4 އަދި އައިޕެޑް 8 އެވެ.
މިއުފެއްދުންތަކުގެ އިތުރުން އެޕަލްއިން ވަނީ އަގުހެޔޮކޮށް ވިއްކުމަށް މުޅިން އައު ސްމާޓް ވޮޗް އެސް.އީވެސް ތަޢާރަފްކޮށްފައެވެ. އަދި އެޕަލްގެ އައު ޚިދުމަތްތައްކަމަށްވާ، ދުޅަހެޔޮ ސިއްހަތަކަށް އެޕަލް ފިޓްނަސް ޕްލަސް، އަދި އެޕަލްގެ ގިނަ ޚިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ އެޕަލް ވަން އަދި އާއިލާތަކަށް ޚާއްސަ އެޕަލް ފެމިލީ ސެޓްއަޕްވެސް އެޕަލްގެ ޚާއްސަ އިވެންޓުގައި ވަނީ ތަޢާރަފްކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރަމުން ދިޔަނަމަވެސް، އެޕަލް ކުންފުންޏަށް ލިބުނު ފައިދާވަނީ އިތުރުވެފައެވެ. މީގެ ސަބަބަކީ ކޯވިޑްގެ ސަބަބުން ގޭގައި ބަންދުވެ ވޯކް ފްރޮމް ހޯމްގެ ކޮންސެޕްޓަށް އޮފީސްތަކާއި ވިޔަފާރިތައް ބަދަލުވުމުން އެޕަލްގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވުމެވެ.