ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދަޢުރު ފުޅާކުރުމަށް "ނެޝަނަލް ވިމެން ސައިންސް އެންޑް ޓެކްނޮލޮޖީ ވޯކިންގ ގްރޫޕް"ގެ ނަމުގައި ވޯކިންގ ގްރޫޕެއް އެކުލަވާލައިފިއެވެ.
މި ގްރޫޕަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިނެމޭ "ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުގެ ދަޢުރު ފުޅާކުރުމުގެ މަސައްކަތުގެދަށުން އެކުލަވާލި 7 މެންބަރުންގެ ގްރޫޕެކެވެ.
މި ގްރޫޕްގައި ހިމެނެނީ އާއްމުކޮށް ހުޅުވާލައިގެން ތިން ދާއިރާއަކުން ހޮވި 3 ބޭކަނބަލުންނާއި، 4މުޢައްސަސާއެއްގެ 4 ބޭކަނބަލެކެވެ.
ވޯކިންގ ގްރޫޕް އިފްތިތާހް ކުރުމަށް ވާޗުއަލް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވީ، މިއީ ޓެކްނޮލޮޖީގެ އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އަންހެން ބޭފުޅުންނަށް ލިބުނު އުންމީދެއްކަމަށެވެ. މި ވޯކިންގ ގްރޫޕްގެ މައިގަނޑު މަސައްކަތަކަށް ވާނީ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް ދެނެގަތުމާއި، ދާއިރާއަށް މީހުންގެ ޝަޢުޤު އުފެއްދުމާއި، މި ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތައް ހޯދައި އެކަމަށް މީހުން ހޭލުންތެރިކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޤައުމުގައި އަންހެނުންގެ އާބާދީ 50%އަށް އަރާ. ނަމަވެސް އަޅުގަނޑުމެން ބޭނުންވާ މިންވަރާއި ގާތަށްވެސް މި ދާއިރާއިން މީހުން ބިނާކުރެވިފައެއް ނުވޭ. ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން މި ފެށި މަސައްކަތަކީ ޤައުމީ މަސައްކަތެއް." މިނިސްޓަރ މަލީހު ވިދާޅުވިއެވެ.
ޤަވައިދުގައި ވާގޮތުން މި ވޯކިނގް ގްރޫޕްގެ 30 އިންސައްތަ މީހުން ވާންޖެހެނީ އަންހެނުންނަށެވެ. ނަމަވެސް ނެޝަނަލް ސައިންސް އެންޑް ޓެކްނޮލޮޖީ ވޯކިންގ ގްރޫޕް ސައްތައިން ސައްތަ އަންހެނުން ހިމެނޭ ގުރޫޕެއްގެ ގޮތުގައި އުފެދިގެން ދިއުމަކީ، އުފާކުރައްވާކެމެއްކަމަށް މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.