ވިޔަފާރި

ޑިސެމްބަރުމަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ނިންމައިފި


ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑު-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތް ޑިސެމްބަރުމަހާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި، އެމުއްދަތަށްވުރެ އިތުރުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިހާރު ނިންމާފައިވާނީ ޑިސެމްބަރުމަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވަންސް އެކްސްޓެންޑު ކޮށްގެން އެކަންތައްތައް ކުރިއަށް ގެންދިޔުމަށް، އެހެންކަމުން އިންކަމް ސަޕޯޓު އެލަވަންސް ލިބޭން ޑިސެމްބަރާ ހަމައަށް، އޭގެ އިތުރަށް އެކަސްޓެންޑު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑުވެސް ކުރާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އިންކަމް ސަޕޯޓު އެލަވަންސް ލިބޭނީ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން އާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.