ދުނިޔެ

އިއްޔެ އެކަނި 700 މީހުނަށް ބަލި ޖެހި ލަންކާގައި އެއްވެ އުޅުން މަނާކޮށްފި


ސްރީލަންކާގައި ކޯވިޑް-19 ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވާން ފެށުމުން ޢާންމުން އެއްވެއުޅުން އެ ޤައުމުގައި މަނާކޮށްފިއެވެ.

ސްރީލަންކާގެ މިނުވަންގޮޑާގައި ހުންނަ ހެދުން އުފައްދާ ކާރުޚާނާއެއްގައި މަސައްކަތްކުރާ މީހެއްގެ ގައިން ބަލި ފެނުމުން އެ ކާރުޚާނާގައި މަސައްކަތްކުރާ އެންމެންވަނީ ބައްޔަށް ތަޙުލީލުކޮށްފައެވެ. އެ ތަނުގައި މަސައްކަތްކުރާ 700 މީހުންނަށް ބަލިޖެހިފައިވާކަމަށް ނަތީޖާތަކުންވަނީ ދައްކާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި އެންމެ ކާމިޔާބު އެއް ޤައުމުގެ ގޮތުގައި އޮތް ސްރީލަންކާގައި ގިނަ ދުވަސްތަކަކަށްފަހު މުޖުތަމަޢު ތެރެއިން ބަލި އަނެއްކާވެސް ފެނި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 739 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 4،252އަށް އިތުރުވެފައެވެ.

ސްރީލަންކާގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީތަކާއި ބޮޑެތި ބައްދަލުވުންތަކާއި ކޮންސެޓުތަކާއި މައުރަޒުތައް ބޭއްވުންފަދަ ޒަރޫރީ ބޭނުމެއް ނެތް ޙަރަކާތްތައް ބޭއްވުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައިވާކަމަށެވެ. ޞިއްޙަތާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ އެ ޤައުމުގެ އެއް ސަރަޙައްދެއްގައި ހަލުވިކަމާއެކު ބަލިފެތުރެމުންދާކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

މިނުވަންގޮޑާ ހިމެނޭ ގަންޕަހާ ޑިސްޓްރިކްޓަށް ވަދެ ނުކުތުން މިހާރުވަނީ މަނާކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން އަންގަންދެން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ގޭގައި މަޑުކުރުމަށްވަނީ އަންގައިފައެވެ.