ވިޔަފާރި

ކޭޝްކާޑު ބޭނުންނުކޮށް އެމްއައިބީގެ އޭޓީއެމްތަކުން ފައިސާ ޖަމާކުރުމުގެ ޙިދުމަތް ފަށައިފި


މޯލްޑިވްސް އިސްލާމިކް ބޭންކުން މާލޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ޖަމާކުރުމުގެ ޙިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑީވްސް އިސްލާމިކް ބޭންކު، އެމް.އައި.ބީއިން ތައާރަފްކޮށްފައިވާ މި ޙިދުމަތް މިހާތަނަށް ލިބެމުން އައިސްފައިވަނީ އެބޭންކުގެ ހެޑު އޮފީހުގައި ހުންނަ އޭޓީއެމްތަކުން އެކަނިކަމަށެވެ. އެހެން ނަމަވެސް މިހާރު އެމްއައިބީގެ އަމީނީމަގު އެމް.އެން.ޔޫގައި ހުންނަ އޭޓީއެމް އަދި އޯކިޑްމަގު ފާމުދޭރިގޭގައި ބަހައްޓާފައިވާ އޭޓީއެމް ލޮބީގައި މި މަރުކާގެ ޒަމާނީ އޭޓީއެމްތައް ބަހައްޓާފައިވާ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް ލިބޭ މި އީސީއާރުއެމްގެ އެންމެ ތަފާތު އެއްކަމަކީ އެއްވެސް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ފަސޭހަކަމާއެކު ޖަމާކޮށްލެވުމެވެ. އެހެންކަމުން އިސްލާމިކް ބޭންކުގައި އެކައުންޓެއް ނެތް ބޭފުޅެއްނަމަވެސް 3 ވަނަ ފަރާތެއްގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެކަމަށް އެމްއައިބީން ހާމަކުރެއެވެ.

ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރެވުމަކީ ދިވެހިރާއްޖެއަށް އާ ހިދުމަތެކެވެ. މި ހިދުމަތް ދިނުމަށް ކޭޝް ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ފޮނުވައެވެ. މި އޯޓީޕީ ޖެހުމަށް ފަހު ފައިސާ ޖަމާކޮށްލެވެއެވެ.

އެމްއައިބީން ހާމަކުރާގޮތުގައި މި އޭޓީއެމް މެދުވެރިކޮށް އާންމު ފަރުދުންގެ އިތުރުން ވިޔަފާރިވެރިންނަށްވެސް ފަސޭހަކާމާއިއެކު ފައިސާޖަމާކުރެވޭނެއެވެ. އެއްވެސް ކޭޝްކާޑެއް ބޭނުން ކުރުމަކާނުލާ ފައިސާ ޖަމާކުރެވޭގޮތް ހަމަޖެހިފައިވާއިރު ވިޔަފާރިތަކުގެ އެކައުންޓަށް ދުވާލަކު ދެ ލައްކަ ރުފިޔާ އަދި އަމިއްލަ އެކައުންޓެއްނަމަ ފަންސާސް ހާސް ރުފިޔާ ޖަމާކުރެވޭނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

މި ވަގުތު މާލޭގައި އެމްއައިބީގެ 9 އޭޓީއޭމް ބަހައްޓާފައިވާއިރު ހުޅުމާލެ އަދި ހުޅުލޭގައިވެސް އެމްއައިބީގެ އޭޓީއެމް ބަހައްޓާފައި ހުރެއެވެ. އަދި ހުޅުމާލޭގައި އިތުރު އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެމްއައިބީން ހާމަކުރެއެވެ. އެމްއައިބީން ވަނީ ނިމިދިޔަ ހަފްތާގައި ތިލަފުށީގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށާފައެވެ. މިއީ ތިލަފުށީގައި ބޭންކިންގ ޙިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.