ވިޔަފާރި

އާ އަހަރާއެކު ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުުގެ އުއްމީދު ބޮޑު- މަޢުޞޫމް


ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ހުރި ގިނަ ގޮންޖެހުންތަކާއެކުވެސް އާ އަހަރު ފެށިގެންދާއިރު ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ސާޓޭ އިންޑިއާ 2020 ވަރޗުއަލް އެކްސްޕޯ ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

2 ދުވަހުގެ މުއްދަތަކަށް ބާއްވާ، ސައުތު އޭޝިއަން ޓްރެވަލް އެންޑު ޓޫރިޒަމް އެކްސްޗޭންޖު، ސަޓޭ، ޖެން އެކްސްއަކީ ދެކުނު އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ ފުރަތަމަ ވަރޗުއަލް އެގްޒިބިޝަނެވެ.

ގްރީސްގެ ޓޫރިޒަމް މިނިސްޓަރާއި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރވެސް ބައިވެރިވެވަޑައިގެން މި ރަސްމިޔާތުގައި ވާހަކަދަައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް މިކަމުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޢުޞޫމް ވިދާޅުވީ ކަންތައްތައް ރާވާއިރު، ކުރިމަގުގައި ވާނެ ގޮތެއް ނޭގި އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" ކުރިމަގުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭގެ، ކުރިއަށް އޮތީ ޔަޤީނުންވެސް ފަސޭހަ ދުވަސްތަކެއް ނޫން، އެހެން ނަމަވެސް އެންމެ މުޙިއްމީ ކުރިއާލާ ކަންތައްތައް ޕްލޭން ކުރުން، މިއީ ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް ތަފާތު ގޮތްތައް ހޯދަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކެން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޢުޞޫމް ވިދާޅުވީ ގިނަ ޤައުމުތަކުން ބޯޑަރުތައް ހުޅުވަމުންދިޔަނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިން ޕީސީއާރް ޓެސްޓް ހާދާ ގޮތަށް ހަމަޖެހިފައިވުމުން ފަތުރުވެރިންނަށް އެކަމުން ދަތިތަކެއް ހުރިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަކީ މި ސިނާއަތް ކުރިއެރުމުގައި މުޙިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ އެކްސްޕޯތަކުގެ ސަބަބުން ދުރުގައި ތިބެގެންވެސް ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވެދޭކަން ފާހަގަކުރައްވާ ސާޓޭ ފަދަ އެގްޒިބިޝަންތަކާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް މިނިސްޓަރ މަޢުސޫމް ވިދާޅުވީ ވިދާޅުވިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 11 ފަރާތަކުން ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ. އެގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް މި އެކްސްޕޯގައި ވަކި ޙާއްސަ ވަރޗުއަލް ޕެވިލިއޯން އެއް ހުރެއެވެ. އަދި އެކްސްޕޯގެ ތެރެއިން މަޝްވަރާ ބައްދަލުވުންތަކާއި، ވަކި ވެބިނަރތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.