ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖަލެއް ޤާއިމް ކުރަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރެވޭ ޕްރައިވެޓް ޖަލު ކުރިއަށް އޮތް ހަމަސްދުވެހުގެ ތެރޭގައި ޤާއިމް ކުރެވިގެންދާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ހދ.ނޭކުރެންދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މި ޖަލަކީ އެއްމެ ލުއި ކުއްވެރިންނަށް ޤާއިމް ކުރެވޭ ޖަލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޖަލު ޤާއިމް ކުރުމަށްޓަކާ ޤާނޫނަށް ގެންނަންޖެހޭ ބަދަލު ޑްރާފްޓް ކޮށް އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، މި ބަދަލުތައް ޤާނޫނަށް ގެނައުމަށްޓަކާ އަންނަ ދައުރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އަދި ޖަލުހިންގުމުގެ ނިޒާމަށް ގެނެވޭނެ މި އިންގިލާބީ ބަދަލުތަކުގެ ސަބަބުން ދައުލަތައް ޖަލު ހިންގުމުގައި ލުއިފަސޭހަތަކެއް ލިބި ޖަލު ހިންގުމުގެ ނިޒާމް އެހެން މަރުހަލާއަކަށް ގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕްރައިވެޓް ކުންފުނިތަކުން ޖަލުހިންގުމުގެ މަފްހޫމް ގެންގުޅޭ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ."މުޅި ޖަލު އެއްކޮށް ޕްރައިވެޓް ކުންފުންޏަކުން ބެލެހެއްޓުމެއް ނޯންނާނެ. އެ ޖަލަށް މަސްއޫލު ވާނީ، އަދިވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން. ޖަލުގެ ޑައިރެކްޓަރަކަށް ހުންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ބޭނުންފުޅުވާ އަދަކަށް، އަދަދެއްގެ އެމްސީއެސްގެ އޮފިސަރުން މިދަންނަވާ ޕްރައިވެޓް ޖަލުގައި ބޭތިއްބޭނެ". މިނިސްޓަރ އުމަރު ވިދާޅުވިއެވެ.އަދި ކުއްވެރިން ބެލެހެއްޓުމުގެ ނިޒާމަށާއި، ކުއްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މި މަސައްކަތަކީ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިޝަން އާއި އެއްގޮތަށް އެއްވެސް މީހަކު ބާކީ ނުކުރާ އުސޫލުގެ ދަށުން ކުރައްވަމުންގެންދަވާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.