ދުނިޔެ

ފަރުވާއަށްފަހު ރައީސް ޓްރަންޕު އެނބުރި ވައިޓް ހައުސަށް


ކޯވިޑް-19 ޖެހުމުން ހަސްފަތާލުގައި އެންދުމަތިކޮށްފައި އޮންނެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު އެނބުރި ވައިޓު ހައުސަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އޭގެ ފަހުން އެމަނިކުފާނުވަނީ ވޮލްޓާ ރީޑް މެޑިކަލް ސެންޓަރުގައި އެނދުމަތިކޮށް ފަރުވާދީފައެވެ. ހަސްފަތާލުގައި ތިން ދުވަސް ހޭދަކުރެއްވުމަށްފަހު އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގެ ވަގުތެއްގައި ރައީސް ޓްރަންޕުވަނީ އެނބުރި ވައިޓު ހައުސަށް ވަޑައިގެންފައެވެ.

ރައީސް ޓްރަންޕު ހެލިކޮޕްޓަރުން ފައިބައިވަޑައިގަތީ މާސްކު ތުރުކުރައްވައިގެންނެވެ. ނަމަވެސް ވައިޓު ހައުސަށް ވަދެވަޑައިގަތުމުގެ ކުރިން މާސްކު ނަންގަވާ ފޮޓޮއަށްވަނީ ހުއްޓިވަޑައިގެންފައެވެ. ވައިޓު ހައުސް އެތެރެއަށް ވަދެވަޑައިގެންނެވިއިރުވެސް މާސްކު އޮތީ ޓްރަންޕުގެ އަތްފުޅުގައެވެ.

ރިޔާސީ ގެކޮޅަށް އެނބުރި ވަޑައިގަތުމުން ޙާލުކޮޅު ކިހިނެތްތޯ ނޫސްވެރިން ސުވާލުކުރެއްވުމުން ޙާލުކޮޅު ވަރަށް ރަނގަޅުކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ޓްރަންޕު ވިދާޅުވީ ކޯވިޑް-19އަށް އޮންނަ ބިރެއްގެ ސަބަބުން މުޅި ދިރިއުޅުމަށް އޭގެ އަސަރު ކުރިޔަދީގެން ނުވާނެކަމަށާއި ކޯވިޑް-19ދެކެ ބިރުގަނެގެން ނުވާނެކަމަށެވެ. އެންމެންވެސް ރައްކާތެރިކަމާއެކު މުޖުތަމަޢުގެ ތެރެއަށް ނުކުމެ މަސައްކަތުގައި އަހުލުވެރިވާންވީކަމަށާއި ބައްޔާއި ކުރިމަތިލާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 74 އަހަރުގެ ޓްރަންޕުގެ ޑޮކްޓަރުންގެ ޓީމަކުން ބުނީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ޓްރަންޕުގެ ހަށިކޮޅުން ހުމުގެ އަސަރެއް ފެނިފައިނުވާކަމަށާއި އޮކްސިޖަން ހުރި މިންވަރުވެސް ރަނގަޅުކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ދެ ފަހަރެއްގެ މަތިން ރައީސް ޓްރަންޕަށް އޮކްސިޖަން ދީފައިވާކަމަށްވެސް ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. ބަލީގެ ސަބަބުން ރައީސްގެ ފުއްޕާމެޔަށް ކޮށްފާނެ އަސަރަކާއި އެންމެ ފަހުން ކޯވިޑް-19އަށް ތަހުލީލުކޮށް ނެގެޓިވް ނަތީޖާއެއް ލިބިފައިވާ ތާރީޚު ހާމަކުރުމަށް އެބޭފުޅުންވަނީ ދެކޮޅު ހައްދަވާފައެވެ.

ރައީސް ޓްރަންޕު ވައިޓު ހައުސަށް އެނބުރި ވަޑައިގެންފައިވާއިރު އެ އިދާރާގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19ގެ އަސަރުކޮށްފައެވެ. އެގޮތުން ޕްރެސް ސެކެޓްރީ ކޭލޭ މިކްއެނަނީގެ އިތުރުން ވައިޓު ހައުސްގެ ޕްރެސް އޮފީހުގައި މަސައްކަތްކުރައްވާ ޗާޑް ގިލްމާޓިންއާއި ކަރޮލީން ލޭވިޓަށްވެސް ކޯވިޑް-19 ޖެހިފައިވާކަމަށް މަސްދަރުތަކުންވަނީ ޔަޤީންކޮށްދީފައެވެ.