ޚަބަރު

ޤައިދީން މަސައްކަތަށް ނެރުމަށް އަހުލުވެރި މަރުކަޒެއް ހުޅުވައިފި


ޖަލުތަކުގައި އުޅޭ ޤައިދީން މަސައްކަތުގެ މާހައުލަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްސަނަލް ސާވިސްގެ ބެލުމުގެ ދަށުން ޤާއިމް ކޮށްފައިވާ އަހުލުވެރި މަރުކަޒެއް ތިލަފުށީގައި ހުޅުއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ، ކުށުގެ ވެށީގައި ތިބި މީހުން އަނބުރާ މުޖުތަމައަށް ނެރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެހެންކަމުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ މަސައްކަތުގެ މާހައުލަށް ހޭނުމަށްޓަކައި، މިހުޅުވުނު މަރުކަޒުން އެމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޖަލުގެ ނިޒާމަށް ގެންނަ އިސްލާހީ ބަދަލުތަކަށް އަލި އަޅުއްވާލަައްވާ މިނިސްޓަރ އުމަރު ވިދާޅުވީ ބަދަލުގެންނާނީ ޖަލު ޖަލެއްގެ ގޮތުގައި ހިންގާ ނިޒާމަށް އެކަނި ނޫން ކަމަށެވެ."ޖަލު ޖަލެއްގެ ގޮތުގައި ހިންގާ ނިޒާމަށް އެކަންޏެއް ނޫން އަޅުގަނޑުމެން މިފަހަރު މިބަދަލުކުރަނީ. މުޅި ޖަލުގެ ކޮންސެޕްޓް ޖަލު އޮޕަރޭޓް ވާނީ ކިހިނެތް ކަމާއި، އަދި ދިވެހިރާއްޖޭގައި ހުންނާނީ ކޮން ވައްތަރެއްގެ ޖަލުތަކެއް ކަމާއި އަދި ކުށްވެރިން ހިފަހައްޓާނީ ކިހާވަރަކަށް ކަމާއި އެ މަހްފޫމަށް މި އަންނަނީ ބަދަލު ގެންނަމުން" މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ މިކަމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު އެކުލަވާލައި އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަންނަ ދައުރުގައި ޤާނޫނުގައި އެކުލަވާލުމަށް ހުށައެޅޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތަށް ވަރަށް ލުއިކޮށް ޖަލުތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.