ދުނިޔޭގެ ވިޔަފާރި

ކޯވިޑް-19: ޕެރިސްގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ފިޔަވަޅުތައް ވަރުގަދަކުރަނީ


ޕެރިސްގައި ކޯވިޑްގެ ކޭސްތައް ގިނަވެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ، ޕެރިސްގައި ކޯވިޑްގެ ކޭސްތައް އިތުރުވުމުން އެ ސިޓީ މިހާރު އޮތީ މި ބަލީގެ އެންމެ ނުރައްކާ ބޮޑު ލެވެލްގައިކަމަށް ބުނެފައެވެ. އަދި މި ސަބަބަށްޓަކައި ޕެރިސްގައި ހިންގާ ހުރިހާ ބާތަކެއް ކުރިއަށް އޮތް 2 ހަފްތާއަށް ބަންދުކުރަން ނިންމާ ކެފޭ ރެސްޓޯރެންޓްތަކުގައި ޚިދުމަތް ދިނުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމުގެ އުސޫލުތައް ހަރުދަނާކޮށް، ޓޭކް އަވޭގެ ޚިދުމަތް ޕްރޮމޯޓްކުރުމަށް އެ ސިޓީގެ ވިޔަފާރިވެރިންނަށް ވަނީ ގޮވާލާފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު އިތުރަށް ހަރުކަށިކޮށް ގައިޑްލައިންއެއް ނެރުމަށް ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން މި ތަންތަނުގެ ޚިދުމަތް ދިނުން މޮނީޓަރކުރުމަށް އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ބޮޑުވަޒީރު ޖީން ކެސްޓެކްސްގެ އޮފީހުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާއިރު، އެ އޮފީހުން ވަނީ ޕެރިސްގެ ހުރިހާ އޮފީސްތަކަކުން ވޯކް ފްރޮމް ހޯމް ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ކޮލެޖް ޔުނުވަރސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު މި އުސޫލުތަކަށް އަންނަ އަންގާރަ ދުވަހު އަމަލުކުރަން ފަށާނެކަން މިހާރު ވަނީ ހާމަކޮށްފައެވެ.

ފަރަންސޭސި ސަރުކާރުން ބަލީގެ އެންމެ ނުރައްކާ ބޮޑު ލެވެލްއަށް ޕެރިސް ލާފައިވަނީ އެ ޤައުމުގައި މި ލެވަލްއަށް ދިއުމަށް ބަލާ ތިން އިންޑިކޭޓަރވެސް ފަހަނައަޅާ ބަލީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުންނެވެ. އެގޮތުން ޕެރިސްގައި ދުވާލެއްގެ މައްޗަށް 12 ހާހަށް ވުރެ ކޭސް ރިކޯޑްކުރެވޭއިރު، މި ބަލިޖެހޭ އުމުރުން ދުވަސްވީ މީހުންނާއި، އިތުރު ފަރުވާއަށް އައިސީޔޫއަށް ލާންޖެހޭ މީހުންގެ މިންވަރު ވަނީ އިތުރުވެފައެވެ.