ވިޔަފާރި

އުލިގަމުގައި ސިޓީހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ނިމުނު ހަފްތާތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވަނީ ހއ. އުލިގަމުގައި ސިޓީހޮޓާ ތަރައްޤީކުރުުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް މިމަސްތެރޭ ފަށާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޢިމާދު ޢަބުދުﷲ ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި މިނިސްޓަރު ދެއްވި މަޢުލޫމާތާއެކު ސިޓީހޮޓާ ތަރައްޤީ ކުރަން ފެހި ސިގްނަލް ލިބި، އުންމީދު އައުވެއްޖެ ކަމަށާއި، އުލިގަމު ސިޓީ ހޮޓާމަޝްރޫޢާއި، އެރަށުގެ ޔޮޓް މެރީނާ މަޝްރޫޢުއަކީ ރައްޔިތުންގެ 12 އަހަރުގެ އުންމީދެއް ކަމަށެވެ.

އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރު ކުރުމަށް ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލު ތަކެއް ހޯދާފައެވެ. މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ، އެރަށަށް އަންނަ ޔޮޓް ފަހަރުން ނަގަމުން ދިޔަ ފީތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އެއަށްފަހު މިފަދަ އުޅަނދުފަހަރުން ނަގާ ފީތަކުން 75 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.

އެމްޓީޑީސީން ތަރައްޤީކުރުމުގެ މަސައްކަތް ފެށި އުލިގަމު ސިޓީ ހޮޓާ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.