ޖަރުމަނު ލީގުގައި ލެވަންޑޯސްކީގެ ހަތަރު ލަނޑާއެކު ހާތާ ބާލިންގެ މައްޗަށް ޗެމްޕިއަން ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ.
ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން މިއުނިކުން. މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ.
އަދި ދެވަނަ ހާފް ފަށައިގެން 51 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ބަޔާންއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ޖޯން ކޯޑޮބާ ބާލިންއަށް ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 71 ވަނަ މިނެޓުގައި މަތެއުސް ކުންހާ ވަނީ ބާލިންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 85 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޔެސިކް އެންގަންކަމް ވަނީ ދެވަނަ ފަހަރަށް ހާތާ ބާލިންއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ބަޔާން މިއުނިކް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީ ލެވަންޑޯސްކީ ކާމިޔާބުކޮށްދިނުމުންނެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ބަޔާން މިއުނިކް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. މެޗުން ބަލިވި ހާތާ ބާލިން އޮތީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ ތޭރަ ވަނައިގައެވެ.