އިތުރު 65 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި މިޖެހުނު މީހުންގެ ޢަދަދު 10530އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޮނިހިރުދުވަހުގެ 18:00އިން ފެށިގެން އާދީއްތަ ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 65 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 54 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 11މީހުން ކަމަށެވެ.
ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1125 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 495 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 67 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 54 މީހުންނެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9364އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ.ވިލިނގިލީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1583 ސާމްޕަލެއް ވަނީ ނަގާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 58 ދިވެއްސަކަށާއި، 63 ބިދޭސީންނަށް ކޯވިޑް-19ޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 10 ފަތުރުވެރިއަކާއި، 16 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.