ރިޕޯޓް

ހިޔާގައިދިރިއުޅޭ ކުދިން އާއިލާއެއްގައި ދިރިއުޅުމަށް އެދި އެދި


ކުޑަކުދިންގެ ހިޔާ އަކީ ، ތަފާތު ސަބަބުތަކާހުރެ ، އާއިލާތަކާ ޙަވާލުނުކުރެވޭނެ ޙާލަތްތައް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ދިރިއުޅެމުންދާތަނެކެވެ. އެތަނުގައި މިވަގުތު އަށާރަ އަހަރުން ދަށުގެ ސަތޭކަ ފަނަރަ ކުދިން ދިރިއުޅެމުންދެއެވެ. މި ކުދިންގެ ތެރޭގައި އެއްމަސްނުވާ ތުއްތު ކުދިންވެސް ހިމެނެއެވެ. ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. އެތަނުގައި އެކުދިން އުޅެ ބޮޑުވުމަކީ ދިރިއުޅުމުގައި އެކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ވަރަށް މުހިންމުކަންކަމުން އެކުދިން މަޙްރޫމްވާކަމެކެވެ.

ކުޑަކުދިންގެ ހިޔާގައި އެކުދިން އުޅެމުންދާ ދިރިއުޅުމަށް ބަލާއިރު ، ފުދިގެން ދިރިއުޅޭ އާއިލާއަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބެއެވެ. ކުލޭނެތަނާއި ، ފޮތްކިޔާ ލައިބްރަރީއާއި ، ކޮމްޕިއުޓަރ ލެބާއި ، ކުލޭނެ ހުސްބިންވެސް އޮވެއެވެ. އެހެން ނަމަވެސް ހިތާމައަކީ ، އެކުދިން ދިރުއުޅުމަށް ބޭނުންވާ އެންމެ މުހިންމު އާއިލީ ލޯބިން މަޙްރޫމްވެފައިވުމެވެ. މައިންބަފައިންނާއި ވަކިން ދިރިއުޅެމުންދާ މި ތުއްތު ކުދިން ގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮންނަނީވެސް އައިލާއެއްގެ ތެރޭގައި ދިރިއުޅެވޭނެގޮތް ވުމެވެ. އެހެންކަމުން މައިންބަފައިންގެ ގާތުގައި ނޫޅެވުނަސް އާއިލާއެއްގެ ތެރޭގައި އުޅެ ބޮޑުވުމަކީ އެކުދިން އިންތިހާއަށް ބޭނުންވެފައިވާ ކަމެކެވެ.އެކުދިން ކުރަމުންދާ އާދޭހެކެވެ.

މި ކުދިންގެ މިއާދޭހަށް ސަރުކާރުން މިހާރުވަނީ މަގެއްކޮށައިދީފައެވެ.ސަރުކާރުން މިހާރުވަނީ ދަރުމައަށް ކުދިން ބެލެހެއްޓުމަށް އޫޞޫލެއް ޤާއިމްކޮށް އަމަލުކުރަން ފަށާފައެވެ. މި އުޞޫލް އާއްމުކުރުމާއި އެކު ގިނަ ބަޔަކު މިކަމަށް އެދެމުންދާ ކަމަށް ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް  އަދުނާން ފާހަގަކުރެއްވިއެވެ. އަދި މި އުޞޫލްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ ތެރެއިން ތަފާތު ސަބަބުތަކާއި ހުރެ އެ ކުދިންގެ އާއިލާތަކާ ޙަވާލުކުރެވެން ނެތް ކުދިންގެ ބެލެނިވެރިކަން ދައުލަތުގެ ފަރާތުން ވަގުތީގޮތުން އެހެން ފަރާތަކާ ޙާވާލުކުރެވިދާނެއެވެ.

ޒީނާޒް ވިދާޅުވީ ، މިގޮތަށް ވަގުތީ ގޮތުން ބެލެނިވެރިކަން ޙަވާލުކުރުމުން ، އާއްިލާއެއްގެ ލޯތްބާއި އަޅާލުން ލިބިގެން އެކުދިން ބޮޑުވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ދާއިމީގޮތެއްގައި ބެލެވެރިކަން ހޯދައި އެކުދިން ގެންގުޅުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށްވެސް ޒީނާޒް ވިދާޅުވިއެވެ.

" ކޯޓް މެދުވެރިކޮށް ގާތްގަނޑަކަށް ދިހަ ކުދިން ގެ ޤާނޫނީ ބެލެނިވެރިކަން މިހާރު ވަނީ ޙަވާލުކޮށްފައި. ޤާނޫނީ ގޮތުން މިކަން އޮންނަގޮތުން މިކަމަށް ވަރަށް ދިގުމުއްދަތެއް ހޭދަވޭ. މިހާރުވެސް ކިޔުގައި ގިނަ ބަޔަކު އެބަތިބި ދާއިމީބެލެވިރިކަމާއި ޙަވާލުވުމަށް އެދި"ޒީނާޒް ވިދާޅުވިއެވެ.

އެތަނުގައި ދިރިއުޅެމުންދާ ކުދިންނަށް އާއިލާއާއި ފޯނުން ވާހަކަދެއްކުމަށް ހަފްތާއަކު އެއްދުވަސް ކަނޑައަޅާފައިވެއެވެ. އެފަދަ ދުވަސްތަކުންވެސް އެކުދިންނަށް މައިންބަފައިން ގާތަށް ދެވޭނެކަމުގެ އުއްމީދު އާވެއެވެ. އެހެން ކަމުން އެކުދިން ހިޔާގައި ދިރިއުޅެމުންދަނީ ، ވަގުތީ ތަނެއްގައިކަން އިހްސާސް ކުރެވެއެވެ.

މި އުސޫލްގައިވާ ގޮތުން ކުދިންގެ ބެލެނިވެރިކަން އާއިލާތަކާ ހަވާލުކުރާނީ، އެއްވެސް ސަބަބަކާ ހުރެ އާއިލާއެކު ދިރިއުޅެވެން ނެތް ކުދިންނާއި ހިޔާގައި ދިރިއުޅުނު މުއްދަތުގައި އާއިލާގެ ފަރާތުން ގުޅުމެއް ނުވެސްބާއްވާ ކަމަށް ހިޔާގެ ރެކޯޑުތަކުން ފެންނަ ކުދިންނެވެ. އަދި  ކޯޓަށް ހުށަހަޅާ ހަޟާނާތުގެ ޙައްޤު ހޯދުމުގެ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން ވެސް ކުއްޖާ ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރެވިގެންދާނެއެވެ. ނަމަވެސް ކުއްޖާ ވަގުތީ ގޮތުން ހަވާލުކުރުމަށް ފަހު، ލަސްވެގެން ތިން ހަފުތާ ތެރޭގައި ކުއްޖާގެ ހަޟާނާތުގެ ހައްގު ހޯދަން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އުސޫލުގައިވެ ބުނެފައިވެއެވެ.

މި އުޞޫލްގައި ވަގުތީ ގޮތުން ބެލެނިވެރިއަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން ފަންސަވީސް އަހަރާއި ސާޅީސް އަހަރާއި ދެމެދު އުމުރު ކަމަށް ކަނޑައލާފައިވީނަމަވެސް  ވަރަށް އަވަހަށް ފަންސަވީހާ ފަންސާސް ފަސްއަހަރަށް ބަލަކުރާނެކަމަށްވެސް ޒީނާޒް ވިދާޅުވިއެވެ.

ޒީނާޒް ވިދާޅުވީ ސަރުކާރުން މި ކުދިންނާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނާ މިކުދިންގެ ދިރުއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައެވެ. ޚާއްޞަގޮތެއްގައި ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ޒީނާޒް ފާހަގަކުރެއްވިއެވެ. އެގޮތުން ކުދިންނަށް ކުޅޭތަނަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވާ ކުދިންނަށް ބޭނުންވާ ޓީޗަރަކު ހޯއްދަވައިދެއްވާފައިވާކަން ޒީނާޒް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މިހާރު ދަނީ އާއިލާއާއި ބެހޭ ޤާނޫނާއި ކުޑަކުދިންގެ ޤާނޫނު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޤާނޫނުތަކަށް ގެންނަ އިސްލާޙުން ކުރިއަށް އޮތް ތަނުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ ބެލެނިވެރިކަން ސަރުކާރަށް ލިބިގެންދާނެކަމަށް ޒީނާޒް ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ދާއިމީގޮތެއްގައި އެކުދިންގެ ބެލެނިވެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.