ތަޢުލީމު

މިހާލަތުން އަރައިގަތުމަށް މުދައްރިސުން ކުރަނީ އަގުހުރި މަސައްކަތްތަކެއް: އެޑިޔުކޭޝަން މިނިސްޓަރ


ކޯވިޑް 19 އިން ތަޢުލީމީ ދާއިރާއަށް ކުރި އަދި ކުރަމުންދާ އަސަރު ކުޑަކުރުމަށްޓަކައި މުދައްރިސުން ކުރަމުންގެންދަނީ އަގުހުރި މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވަވައި އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވީ، މުދައްރިސުން ވަމުން ގެންދާ ޤުރުބާނީއަކީ އެކަމަށް އަގު އަދާކުރަން ބޭނުންވިކަމުގައިވިޔަސް، ދޭ އުޖޫރައަކުން، ބުނެލާ ބަހަކުން، ނުވަތަ ފާހަގަކުރާ ދުވަހަކުން އަގު އަދާކުރެވޭނެ ޤުރުބާނީ އެއްނޫންކަމަށެވެ.

މިނިސްޓަރ ޑރ.އައިޝަތު އަލީގެ ޚިޠާބުގައި ވަނީ ޢާއްމު ޙާލަތުގައި ފިލާވަޅެއް ތައްޔާރުކުރުމަށް މުދައްރިސަކު ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި ކޯވިޑް 19 ގެ މިހާލަތާއި ފުރަބަންދުގައި ވެސް މުދައްރިސުން އިސްނަގައިގެން ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ސިއްޙީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން ކުރިން ނުފަރިތަ މަންސަތަކަށް ފަރިތަވެ، އެ ބޭނުންކުރުމަށް ތަމްރީނުހޯދާ، ދަރިވަރުންނަށް އައު ފިލާވަޅުތައް ނަގައިދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މުދައްރިސުންނަކީ އަޅުގަނޑުމެންނަށް އަބަދުވެސް ޚާއްސަ ބައެއް. ކޯވިޑުގެ ޙާލަތުގައި، ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުވެ ގޭގެ މެދުގެއަށް ކިލާސްތައް އައުމުން މުދައްރިސުން ކުރައްވާ ދުވަހީ މަސައްކަތްތަކަށް އިތުރަށް ޤަދަރުދެވި މުދައްރިސުންނަށް ހިތުގައި ދެވިފައިވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެ." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ޙާލަތުން ތަޢުލީމީ ދާއިރާއަށް ކުރި އަދި ކުރަމުންދާ އަސަރު ކުޑަކުރުމަށްޓަކައި މުދައްރިސުން ކުރަމުންގެންދަނީ އަގުހުރި މަސައްކަތެއް ކަމަށެވެ. ގޮންޖެހުންތައް އަދިވެސް ހުރިކަން ފާހަގަކޮށް މިނިސްޓަރ ވަނީ އެކަން ދެނެތިބެ ކާރިސާގެ އަސަރު ކުޑަކުރުމަށްޓަކައި ގެންގުޅޭ އީޖާދީ ވިސްނުންތައް ހާމަވަގެންދާކމަށް ވިދާޅުވެފައެވެ.

"ކެރުންތެރިކަމާއެކީ ޓެލިކިލާސްތަކުގައި ލަވައާއި ޅެން ކިޔައިދީ ގޫގުލް ކިލާސްރޫމްތަކުގައި އެކިއެކި ކުޅިވަރުތަކާއި ކިޔަވައިދިނުމުގެ އުކުޅުތަކުގެ ޒަރީއާއިން ދަރިވަރުންގެ ސަމާލުކަން ހޯދާފައިވާގޮތް ފެނިފައި އެކަމަށް ތައްޔާރުވުމަށް ކުރާ ބުރަ މަސައްކަތްތަކަށް މުޖްތަމަޢުގެ އިޙްތިރާމް ލިބިފައިވޭ. އެންމެ ކުއްޖެއް، ފިލާވަޅުގައި މަޝްޣޫލުކުރުމަށްޓަކައި ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން މުދައްރިސެއް ކިލާހެއްގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތަށް ޝަރަފު ދެވިއްޖެއް."އެޑިއެކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ދަރިވަރުންގެ ކިޔެވުން އާއްމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކާރިސާއިން ލިބުނު ޢިބްރަތުން ފިލާވަޅުލިބި މުދައްރިސުންގެ ހިތްވަރާއެކު އީޖާދީ ވިސްނުންތަކުން މުސްތަޤްބަލަށް ކުރަހާލަދިން ތަސައްވަރުން އުއްމީދު އާވެއްޖެކަމަށް ވިދާޅުވެފައެވެ.