ވިޔަފާރި

މިދިޔަމަހު ވީއައިއޭގެ އެއަރ ޓްރެފިކް ދަށަށް!


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަމަހު މަދުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮ،މްޕެނީ ލިމިޓެޑްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ބައިނަލްއަޤްވާމީ އަދި ޑޮމެސްޓިކް އެއަރ ޓްރެފިކް މޫމަންޓްސްވެސް ވަނީ ދަށްވެފައެވެ. މިދިޔަ މަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދަކީ 426 އެވެ. އޭގެ ކުރީ މަހު މިއަދަދު އުޅުނީ 448 ގައެވެ. މިދިޔަ މަހު ޑޮމެސްޓިކް ފްލައިޓްތަކުގެ މޫމަންޓްސް އުޅުނީ 304 ގައެވެ. އޭގެ ކުރީމަހު މިއަދަދު އުޅުނީ 319 ގައެވެ.

އެއަރ ޓްރެފިކް މޫމަންޓްސް ދަށްވިނަމަވެސް މިދިޔަމަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން 13487 މީހުން ވަނީ އައިސްފައެވެ. އޭގެ ކުރީމަހު މިއަދަދު އުޅުނީ 11186 ގައެވެ. އެތެރޭގެ އުދުހުންތަކަށް ބަލާއިރުވެސް މިދިޔަމަހު ވީއައިއޭއަށް އައި މީހުން އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޑޮމެސްޓިކް ފްލައިޓްތަކުން ވީއައިއޭއަށް މިދިޔަމަހު އައިސްފައިވަނީ 3282 މީހުންނެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި ވީއައިއޭއިން ރާއްޖެއިން ބޭރަށް ފުރާފައިވަނީ 13739 މީހުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ބައިނަލްއަޤްވާމީ ފްލައިޓްތައް ސެޕްޓެމްބަރ މަހު ދަށްވިނަމަވެސް އޮގަސްޓް މަހު މިއަދަދު ވަނީ ބޮޑުތަން އިތުރުވެފައެވެ. ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓްމަހު ފްލައިޓްތަކުގެ އަދަދު ވަނީ %5.25 އިތުރުވެފައިކަމަށް އެމްއޭސީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.