ޚަބަރު

ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރ އަސްލަމާ ސުވާލުކުރުން


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ޢާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. މެމްބަރު ސައީދު މިނިސްޓަރ އަސްލަމާ ސުވާލުކުރައްވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ.މާވަށް ހިމެނޭތީ ލ.މާވަށަށް އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތާރީހެއް އޮޅުން ފިލުވުމަށެވެ. އަދި މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިކަން އޮޅުން ފިލުވުމަށްވެސް އެދިފައިވެއެވެ.

މާދަމާގެ ޖަލްސާގައި ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވުމާއި ގުޅިގެން ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ފަހު ދައުރުގައި ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތާއި، ބައެއް މިނިވަން ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރެއްވުމާއި، މުހިންމު ބިލްތަކެއްގެ މަސައްކަތްވެސް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ޗުއްޓީއެއް ނެގުމެއްނެތި މަޖިލީހުގެ ފުރަތަމަ ދައުރާއި 2ވަނަ ދައުރު އެކީ ކުރިއަށް ގެންގޮސް ޖުމްލަ 76 ޖަލްސާއެއް ވަނީ ބާއްވާފައިވެއެވެ. މަޖިލީހުގެ 2ވަނަ ދައުރު ނިންމާ މެންބަރުން 1 މަސް ދުވަހުގެ ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގައެވެ.