ޚަބަރު

މާލެއާއި ރ.އަތޮޅާއި ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފި




މާލެއާއި ރ.އަތޮޅާއި ދެމެދު ހުކުރުދުވަސްފިޔަވާ ހުރިހާ ދުވަހަކު ފެރީގެ ޚިދުމަތް ފަށައިފިއެވެ.

ސްޕީޑް ލޯންޗްގައި މާލެއާއި ރ. އަތޮޅާއި ދެމެދު ފެރީ ދަތުރުތައް ބާއްވަމުން އައި ޖަޒީރާ ފެރީން ކުރާ ދަތުރުތައް ހަފްތާގެ 6 ދުވަހަށް އިތުރުކުރިއިރު، އިތުރު އަމިއްލަ 2 ފަރާތަކާއި ރ.އަތޮޅު ކައުންސިލުންވެސް ސްޕީޑް ލޯންޗުގައި ރ.އަތޮޅާއި މާލެއާއި ދެމެދު ވަނީ ދަތުރުތައް ފަށާފައެވެ.

އަމިއްލަ ފަރާތްތަކުން ބާއްވާ ފެރީތަކުގައި މާލެއިން އުނގޫފާރާ ހަމަޔަށް ޓިކެޓް ވިއްކަނީ 580 ރުފިޔާއަށެވެ. އެހެންނަމަވެސް ރ.އަތޮޅު ކައުންސިލުގެ ފެރީ ޓިކެޓް ވިއްކަނީ ކޮޅަކަށް 500 ރުފިޔާއަށެވެ. ޖުމްލަ ހަތަރު ފަރާތަކުން ފެރީގެ ޚިދުމަތް ފޯރުކޮށްދޭއިރު އުޅަނދެއްގައި އެވްރެޖްކޮށް ކޮޅަކަށް ފަންސަވީސް މީހުންނަށް ދަތުރުކުރެވޭނެ ޖާގަ އުޅަނދުތަކުގައި ހުންނާނެކަމަށް ފެރީ ކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ.

އެވްރެޖްކޮށް ދަތުރުތަކުގައި މާލެއިން ރ.އަތޮޅަށް ދިޔުމަށް ތިންގަޑިއިރު ހޭދަނުވާކަމަށް ބައެއް ފެރީތަކުން މައުލޫމާތުދެއެވެ. ކުރިއަށް އީދު ބަންދު އޮތުމާއެކު ހުކުރުދުވަހުވެސް ފެރީތައް ބާއްވާގޮތައް ވަނީ ހަމަޖައްސާފައެވެ.

ސްޕީޑް ލޯންޗުގައި ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފައިވާއިރު ޖޫންމަހު ރ.އަތޮޅުގައި ހުޅުވި އިފުރު އެއަރޕޯޓަށް ފުރަތަމަ ދުވާލަކު ފުލައިޓެއް ޖެއްސިނަމަވެސް، މިހާރު ބާއްވާ ފުލައިޓުތައްވެސް އިތުރުކުރަމުންދާކަން އައިލޭންޑް އޭވިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

މާލެއާއި ރ.އަތޮޅާދެމެދު ދަތުރުކުރެވޭނެ މަގުތައް ތަނަވަސްވެފައިވާއިރު، ރ.އަތޮޅުގެ ރަށްތަކުގެ މެދުގައިވެސްދަނީ ހުކުރުދުވަސްފިޔަވާ ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ބާއްވަމުންނެވެ.