ކުޅިވަރު

ޓީޓީ އެސޯސިއޭޝަނުން ބަލަމުންދާ މައްސަލަ ސާފުކޮށްދިނުމަށް އަލިބެ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅުއްވައިފި


ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކޮށް ނާކާމިޔާބުވި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ގެ މައްސަލައެއް ޓީޓީ އެސޯސިއޭޝަނުން ބަލަމުންދާތީ، އެ މައްސަލައަކީ ކޮން މައްސަލައެއްކަން
ސާފޮކޮށްދެއްވުމަށް ޔޫތް މިނިސްޓްރީއަށް ހުށަހަޅުއްވައިފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ ފަރާތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޓީޓީގެ އެއްވެސް އިމާރާތަކަށް ވަނުން މަނާކޮށް އެކަން އަލީ އާދަމް މަނިކަށް އަންގާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މިކަން އޭނާއަށް އެންގީ ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ފޯނުން ފޮނުވި ޓެކްސްޓް މެސަކުން ކަމަށް އަލިބެ ބުންޏެވެ.

މި މައްސަލައިގެ ތަފުސީލު ހޯދަން ޓީޓޯ އެސޯސިއޭޝަނުގައި އަލިބެ އެތައް ފަހަރަކު އެދިވަޑައިގަތް ނަމަވެސް، އަދި މިހާތަނަށްވެސް މައްސަލައިގެ ތަފުސީލު އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅޭ ގޮތުން ޓީޓީ އެސޯސިއޭޝަނުން ބުނީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެކަމަކު ހިންގާ ކޮމިޓީން ބަލަމުންދާ މައްސަލައަކަށް ވުމާއެކު، މައްސަލައިގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. އަދި މައްސަލަ ބަލާ ނިމުމުން ތަފްސީލް ހާމަކުރަނޭކަމަށެވެ.

މިކަމާއި ގުޅިގެން އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ވަނީ އިންފޮމޭޝަން ކޮމިޝަނުގެ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު" ގެ ދަށުން ސަރުކާރުގެ އިދާރާތަކަށް މައްސަލަ ސާފުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައެވެ.

ކަމާއިބެހޭ ފަރާތްތަކަށް އަލިބެ ހުށަހެޅި ފޯމުގައި ބުނެފައިވަނީ ޓީޓީ އެސޯސިއޭޝަނުން ބައްލަވަމުން ގެންދަވަނީ ކޮން މައްސަލައެއްކަން ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އެކި ގޮތްގޮތަށް އެދުމުންވެސް އެމައްސަލައަކީ ކޮން މައްސަލައެއްކަން މިއަދާ ހަމައަށްވެސް ސާފުކޮށްނުދޭކަމަށެވެ. އަދި އަލިބެއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ ކޮބައިކަން، ލިޔުމުން ސާފުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤެއްކަމަށް އަލިބެ ބުންޏެވެ.
އެހެންނަމަވެސް، ޓީޓީ އެސޯސިއޭޝަނުން މި ޙައްޤު އަލިބެގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށްވެސް އަލިބެ ބުންޏެވެ.

ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލިބެ ފަހަކަށް އައިސް ގިނަ ފަހަރެއްގެ މަތިން ވަނީ ކޯޗެއްގެ ގޮތުގައި ވެސް ފެނިފަ އެވެ. އަލިބެ އަންނަނީ ކުޑަކުދިންނަށް ޓީޓީ ދަސްކޮށްދިނުމުގައި މަސައްކަތްތަކެއް ކުރަމުންނެވެ.