ވިޔަފާރި

ބޯޑަރ މައިލްސް ޕްރޮގްރާމް ކޮންމެ އަހަރަކުވެސް އިތުރަށް ފުރިހަމަވާނެ


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމް ކޮންމެ އަހަރަކުވެސް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާނޭކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތައް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވީ، މި ޕްރޮގުރާމްގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މިހާރު ކުރިއަށްދަނީ މި ޕްރޮގުރާމްގައި ފަތުރުވެރިންނަށް ލިބޭ އިނާޔަތްތައް ފައިނަލް ކުރުމުގެ މަސައްކަތްކަމަށާއި، ދާއިރާގެ ފަރާތްތަކާއި ގުޅިގެން ނޮވެމްބަރ ހިސާބުގައި މި މަސައްކަތް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިނަލައިޒް ވެގެންދާއިރު ރިސޯޓްތަކާއި އެއަރޕޯޓްތަކުން ފަތުރުވެރިންނަށް ލިބޭނެ އިނާއަތްތައް ހިމެނޭނެކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ، އުންމީދުކުރަނީ މި ޕްރޮގުރާމް ފުޅާވެ ބޯޑަރ މައިލްސްއަށް ޙާއްސަ ވަކި ކައުންޓަރެއް މުސްތަޤްބަލްގައި އެއަރޕޯޓުގައި ހުޅުވުންކަމަށެވެ. އަދި މި ޕްރޮގުރާމް ދަނީ އެއްހަރަށްވުރެ އަނެއް އަހަރު އިތުރަށް ފުރިހަމަވެ، އިނާއަތްތައް އިތުރުވަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިބަލަނީ އިރާދަކުރެއްވިއްޔާ ޑިސެމްބަރ ގައި އިންޕްލިމެންޓް ކުރެވޭނެކަމަށް. މިދަނޑިވަޅުގައި މިކުރާ މަސައްކަތަކީ ހުރިހައި ޕޮލިސީތައް ފައިނަލް ކުރުމުގެ މަސައްކަތް. މުޅި ޕްރޮގުރާމް ބިނާވެފައި އޮންނަނީ ހަމަ ޓުއަރިސްޓުންނަށް ފަސޭހައާއި، މަންފާއާއި ލާބައަށް. އެ ފަރާތްތަކަށް ލިބޭ އިނާޔަތްތައް ތަފާތުވެގެންދާނެ އެކި ކެޓަގަރީޒްތަކަށް ރީޗްވާއިރަށް. އަޅުގަނޑުމެންގެ ވިސްނުމަކީ ރިޕީޓާސް ގިނަވުން." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމް

މި ޕްރޮގުރާމް ފަށައިގަތުމުގެ ކުރިންވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް މިހާރުވެސް ވަރަށް ބޮޑަށް އެހީތެރިވެދީފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވިއެވެ. އެގޮތުން ލޯންޗްކޮށްގެން މިވީ ދުވަސްތަކުގައިވެސް ދުނިޔޭގެ ވަރަށް ގިނަ ނޫސްތަކުގައި މިވާހަކަ އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭއިރު ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާނަމަ އިތުރު ޕޮއިންޓް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.