ދުނިޔޭގެ ވިޔަފާރި

އެއަރލައިންތަކުން މުވައްޒަފުން ވަކިކުރުން މަޑުޖައްސާލަން އިލްތިމާސްކޮށްފި


އެމެރިކާގެ އެއަރލައިންތަކުން މުވައްޒަފުން ވަކިކުރުން މަޑުޖައްސާލުމަށް އެޤައުމުގެ ސަރުކާރުން އެއަރލައިންތަކަށް އިލްތިމާސްކޮށްފިއެވެ.

އެއަރލައިންތަކުގެ މުވައްޒަފުން ވަކިކުރުން މަޑުޖައްސާލަން އެމެރިކާ ސަރުކާރުން ގޮވާލާފައި މިވަނީ، ކޯވިޑްއާއެކު އެއަރލައިންތަކަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އެމެރިކާގެ އެއަރލައިންތަކުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ސިނާއަތަކަށް ވައިގެ ދަތުރުފަތުރުގެ ސިނާއަތްވެފައިވާއިރު، ގިނަ އެއަރލައިންތަކަކަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެމެރިކާގެ ގިނަ އެއަރލައިންތަކަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވިއިރު، ގެއްލުން ފޫބެއްދުމަށް އެމެރިކާ ސަރުކާރުން ވަނީ މިދިޔަ މާޗުމަހު 25 ބިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ. މި އެހީ ދިން އިރު، ސެޕްޓެމްބަރުމަހުގެ ނިޔަލަށް މުވައްޒަފުން ވަކިނުކުރުމަށް އެމެރިކާ ސަރުކާރުން ވަނީ އެއަރލައިންތަކަށް ޝަރުތުކޮށްފައެވެ.

އެއަރލައިންތަކަށް ޝަރުތުކުރި މުއްދަތު ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހަމަވިއިރު، އެއަރލައިންތަކުން މިހާރު ދަނީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ އެންމެ ބޮޑެތި އެއަރލައިންތައްކަމަށްވާ، އެމެރިކަން އެއަރލައިންސްއާއި ޔުނައިޓެޑް އެއަރލައިންސްއިން ގާތްގަނޑަކަށް 25 ހާސް މުވައްޒަފުން ވަކިކުރުމަށް ވަނީ ނިންމާފައެވެ. އެއަރލައިންތަކުން ބުނާގޮތުން ސަރުކާރުން އިތުރު އެހީއެއް ނުލިބޭނަމަ މުވައްޒަފުން މަދުކުރުން ނޫން ގޮތެއް އެއަރލައިންތަކަށް ނެތްކަމަށެވެ.

އެއަރލައިންތަކުން މުވައްޒަފުން ވަކިކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން އެމެރިކާގެ މާލީ ވަޒީރު ސްޓީވަން މުންޗެން ވިދާޅުވީ، ޤާނޫނު ހަދާ މަޖިލީހުން އެއަރލައިންތަކަށް އެހީގެ އިތުރު ޕެކޭޖެއް ފާސްކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޮސީ ވިދާޅުވީ އެއަރލައިންތަކަށް އެހީއެއް ދިނުމާ ގުޅޭގޮތުން މިހަފްތާ ތެރޭގައި އެމެރިކާ ސަރުކާރާއެކު އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ކޯވިޑްގެ ސަބަބުން ދަތުރުފަތުރުކުރުން ގާތްގަނޑަކަށް ހުއްޓިފައިވާއިރު، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 46 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް ވައިގެ އުދުހުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއިން ލަފާކުރެއެވެ.