ޚަބަރު

ދިއްދޫ ދޯނި އެހެލާ ސަރަހައްދާ ނެރުފައިކަށި ހަދަން އެމްޓީސީސީއަށް


ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ދޯނި އެހެލާ ސަރަހައްދު ހެދުމާއި، ނެރުފައިކަށި ހެދުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފިއެވެ.ސަރުކާރުގެ ބަޖެޓުން ތޭރަ ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޓީ.ސީ.ސީއާ މަސައްކަތް ހަވާލު ކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއާ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އަބްދުއްރައްޒާގް ހަލީމްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިއްދޫ ދޯނި އެހެލާ ސަރަހައްދު ހެދުމާއި، ނެރުފައިކަށި ހެދުމުގެ މަސައްކަތަކީ ދިއްދޫގައި ސަރުކާރުން ކުރެއްވުމަށް އެންމެ އިސްކަން ދެއްވާ މަޝްރޫޢުކަމަށާއި، ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުގެ އެހީތެރިކަމާއެކު، މަޝްރޫޢު ބައްޓަން ކުރެވިފައިވަނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށްވިދާޅުވިއެވެ. އަދި މިމަޝްރޫއަކީ އާއްމުކޮށް ދޯނި އެހެލާ ސަރަހައްދުތައް ހަދާވަރަށްވުރެ، ފުޅާކޮށް ކުރިއަށް ގެންދާ މަސައްކަތެއްކަން މިނިސްޓަރ މުއިއްޒުވަނީ، ފާހަގަކުރައްވާފައެވެ.އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ދިއްދޫ ދޯނި އެހެލާ ސަރަހައްދު ހެދުމާއި، ނެރުފައިކަށި ހެދުމުގެ މަސައްކަތް ރައްޔިތުންނަށް، ޚާއްސަކޮށް އޮޑިވެރިންނާއި މަސްވެރިން ބޭނުންވާ ފަސޭހަތައް ހޯދައިދިނުމަށް އެ މަސައްކަތް ސަތޭކަ ފަސްދޮޅަސް ދުވަހުގެތެރޭގައި ނިންމަވާނެކަމަށެވެ.މިރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރާއި ދިއްދޫ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިއްދޫގެ ދޯނި އެހެލާ ސަރަހައްދު ހެދުމާއި، ނެރުފައިކަށި ހެދުމުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއްވަންދެން ކުރަން ބޭނުންވެފައިވާ ކަމެއްކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަން ހަގީގަތަކަށް ހެއްދެވުމަށް ސަރުކާރާއި، ހައުސިންގް މިނިސްޓަރ ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެފަރާތްތަކަށްވަނީ ޝުކުރު އަދާކުރައްވާފައެވެ.