ޚަބަރު

ކޯޓުގެ ހުއްދައާއިއެކު އަދީބު ގެއަށް ބަދަލުކޮށްފި


ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު ގެއަށް ބަދަލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިސަރު ވިދާޅުވީ އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުންކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއްނުވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.

މި ހަތް ދައުވާއަށް އިޢުތިރާފްވެ މުޅި މައްސަލަ ފެށުނު ގޮތް ޚުލާސާކޮށް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔާދީފައެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު މައްސަލަކަމަށާއި، ދައުލަތަށް އެއްބާރުލުން ދޭން ނިންމެވީ މިމައްސަލަ އިތުރަށް ސާފުވެ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންޖެހޭތީކަމަށެވެ. އަދީބު ވިދާޅުވިގޮތުގައި މި މަޢުލޫމާތުތަކަކީ އޭނާ ސާފުކޮށް ނުދެއްވައިފިނަމަ އެނގޭނެ ވާހަކަތަކެއްވެސް ނޫންކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞާދު ބަދަލުކޮށްގެންކަމަށާއި، އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބާއި އެކު ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުން ހިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ އަނެއް ދައުވާގައި އަންނާނީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން އަންނާނީ 5 އަހަރަށް ޖަލަށް ލުމާއި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި މަޤާމު ނުފޫޒުން ބޭނުކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. މަނީ ލޯންޑަރކުރުމުގެ ކުށުގެ ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުގައި ކަނޑައާފައިވަނީ 5 އަހަރުގެ ޖަލު ހުކުމެކެވެ. ރަަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އަދަބަކީ 6 މަހަށް ޖަލަށްލުމެވެ.