އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިނގި ބޮޑުގޮވުންތަކާ ގުޅިގެން ބޭރު ބޯޓެއްގެ ވެރިފަރާތާއި ކައްޕި ޙައްޔަރުކުރުމަށް ލުބުނާނުން އެދިއްޖެއެވެ.
ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނެއްގައި ހިނގި ނުރައްކާތެރި ހާދިޘާގައި 198މީހުން މަރުވުމުގެ އިތުރުން 6000އަށް ވުރެ ގިނަ މީހުން ޒަޚަމްވެ ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ބިލިއަނުން ޢަދަދުކުރެވޭ ގެއްލުންތަކާއެކު ބައިރޫތުގެ ބޮޑު ސަރަޙައްދެއްވަނީ ބިމާ ހަމަވެފައެވެ. އެ ގޮވުންތަކުގެ އަސްލަކީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ބަނދަރު ސަރަޙައްދުގައި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓެވެ.
ގޮވުންތައް ތަޙުޤީޤުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަނޑިޔާރުވަނީ މީގެ ހަތް އަހަރު ކުރިން ލުބުނާނަށް އެމޮނިއަމް ނައިޓްރޭޓް ބަރުކޮށްގެން ދަތުރުކުރި ބޯޓެއްގެ ވެރިފަރާތާއި އެ ބޯޓުގެ ކައްޕި ހައްޔަރުކުރުމަށް އިންޓަޕޯލުގައި އެދިފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއްނުވެއެވެ. އެމްވީ ރޯސަސް ނަމަކަށް ކިޔާ އެ ބޯޓުގެ ކައްޕިއަކަށް އޭރުހުރީ ރަޝިޔާގެ ރައްޔިތެކެވެ. ބޯޓުގެ ވެރިފަރާތަކީވެސް ސައިޕްރަސްގައި ދިރިއުޅޭ ރަޝިޔާގެ ރައްޔިތެކެވެ. އެނގިފައިވާ ގޮތުގައި ތަޙުޤީޤުކުރުމުގައި ހަރަކާތްތެރިވާ ވަފުދަކުން މިދިޔަ މަހުގެ ތެރޭގައިވަނީ ސައިޕްރަސްގައި އޭނާ ސުވާލުކޮށްފައެވެ.
ޖޯޖާއިން މޮޒަމްބީކަށް ދަތުރުކުރަމުންދިޔަ އެމްވީ ރޯސަސްއަށް މައްސަލަތަކެއް ދިމާވެގެން ބައިރޫތުގައި ބަނދަރުކުރީ 2014ވަނަ އަހަރުގައެވެ. ޖެހިގެން އައި އަހަރު އެ ބޯޓުގައި ބަރުކޮށްފައިހުރި 2،700 ޓަނުގެ އެމޮނިއަމް ނައިޓްރޭޓުވަނީ ބޯޓުން ބާލައި ރައްކާތެރިކަމެއް ނެތި ގުދަންކޮށްފައެވެ. ބޮޑު ގޮވުންތައް ގޮވާފައިވަނީ އެ ތަކެތީގައި ހުޅުހިފުމުގެ ސަބަބުންނެވެ. ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި އޮތް އެމްވީ ރޯސަސްވަނީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހު ލުބުނާނުގެ ބަނދަރުގައި އޮވެ އަޑިއަށް ގޮސްފައެވެ.
މި ގޮތުންތަކާ ގުޅިގެން މިހާތަނަށް 20 މީހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ލުބުނާނުގެ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެހެން ރަސްމީ ފަރާތްތައްވެސް ހިމެނެއެވެ.
ބައިރޫތުގައި ހިނގި ގޮވުންތަކުގެ ޒިންމާ ސަރުކާރުން އުފުލައި އިސްތިއުފާ ދޭން ޖެހޭކަމަށް ބުނެ ޢާންމުން މުޒާހަރާކުރުމުން އޭރު އެ ޤައުމުގެ ސަރުކާރުންވަނީ އިސްތިޢުފާ ދީފައެވެ. އޭގެ ފަހުން އައު ސަރުކާރެއް އަދިވެސް އެކުލަވާލުމުގައި ކާމިޔާބުވެފައެއް ނުވެއެވެ.