ޚަބަރު

ރާހުލް އަދި ޕްރިޔަންކާ ގާންދީ ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި


އިންޑިޔާގެ އެންމެ ވަރުގަދަ އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ރާހުލް އަދި ޕްރިޔަންކާ ގާންދީ ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ މުހިންމު ދެ ބޭފުޅުންކަމަށްވާ ރާހުލްއާއި ޕްރިޔަންކާ ހައްޔަރުކޮށްފައިވަނީ އުއްތަރު ޕްރަދޭޝްގެ ހަތުރާސް އަވަށުގެ އަންހެން ކުއްޖަކަށް ބަޔަކު އަނިޔާވެރިކޮށް ހަމަލާދީ ރޭޕުކުރުމުގެ ސަބަބުން އޭނާ މަރުވުމާ ގުޅިގެންކަމަށް ބުނެ އެ އަވަށުގައި ހަމަނުޖެހުންތައް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ މަރުވި އަންހެން ކުއްޖާގެ ޢާއިލާއާ ބައްދަލުކުރެއްވުމަށް ހަތުރާސް އަވަށަށް ކާރުގައި ދަތުރުކުރައްވަމުން ދަނިކޮށް އެ އުޅަނދު ފުލުހުން ހުއްޓުވުމުން ފައިމަގުގައި އެ އަވަށަށް ވަޑައިގަންނަވަނިކޮށެވެ. އެ ދެބެން މިހާރުވަނީ ދޫކޮށްލައިފައެވެ.

ހަތުރާސް އަވަށުގައި ހަމަނުޖެހުންތައް ފެށުނީ އަންހެން ކުއްޖާއަކީ ދަރަޖައިގެ ގޮތުން ދަށް ޢާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށްވާތީ އޭނާއަށް ދިން ހަމަލާ ބެލުމަށް ފުލުހުން މުހިންމުކަން ދީފައިނުވާތީކަމަށް ބުނެއެވެ. އެ ހަމަނުޖެހުންތައް އިތުރަށް ހޫނުވީ ދަންވަރުގެ ވަގުތެއްގައި ޢާއިލާގެ ނުރުހުމުގައި އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން އަންދާލާފައިވާކަމަށް ޢާއިލާއިން ބުނުމުންނެވެ. ހަމަނުޖެހުންތައް ހުއްޓުވުމަށް ހަތުރާސް އަވަށުގައިވަނީ ޤާނޫނުގެ 144ވަނަ މާއްދާ ތަންފީޒުކޮށްފައެވެ. އެ މާއްދާގެ ދަށުން ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން މަނާވާނެއެވެ. އޭގެ އިތުރުން އެ ސަރަޙައްދަކީ ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދެއްކަމަށް ކަނޑައަޅައި، ބޭރުން އަންނަ ފަރާތްތަކަށް އެ އަވަށަށް ވަނުންވަނީ މަނާކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ބުނީ އެ ސަރަޙައްދަކީ ކޯވިޑް-19ގެ ނުރައްކާއޮތް ސަރަޙައްދެއްކަމަށް ކަނޑައަޅާފައިވަނީ ސިޔާސީ މަޤުސަދެއްގައިކަމަށާއި އެ އަވަށުގައި ހަމަނުޖެހުން ހިންގުން ހުއްޓުވަންކަމަށެވެ.

އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީއިންވަނީ އަންހެން ކުއްޖާ މަރުވުމުގެ ހާދިސާގެ ބޭނުންހިފައި ހަމަނުޖެހުން އުފެއްދުމަށް ކޮންގްރެސް ޕާޓީއިން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.