ކާށިދޫ ދެކުނު އަވަށު ޒުވާނުން އިސްނަގައިގެން އެޅި ފާލަން ބޭނުން ކުރަން ފަށައިފިއެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްޠާން ވިދާޅުވީ، އެރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމާއި އެކު، ފާލަމެއް އެޅުމުގެ އިތުރުން އެސަރަހައްދުގެ ގޮނޑު ދޮށުގައި އުނދޯލިތަކާއި، ގޮނޑިތަކާއި ޖޯލިތައް ބަހައްޓައި، ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ.
މިމަސައްކަތުގައި އަމިއްލަ ހައިސިއްޔަތުން އަމަލީ ގޮތުން ހަރަކާތްތެރިވި، މާލެއަތޮޅު ކައުންސިލްގެ މެމްބަރު މާޖިދު ސުލައިމާނު ވިދާޅުވީ، ކާށިދޫގެ ފާލަމާއި ގޮނޑުދޮށް ތަރައްޤީ ކުރުމުގެ ޚިޔާލަކީ، ކޮފީ މޭޒަކުން އުފަންވެގެން އައި ޚިޔާލެއް ކަމަށެވެ.
"18 ޖޫންގައި އެމަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނީ، 20 ޖޫންގައި މަސައްކަތް ފެށިއްޖެ. މި މަސައްކަތަކީ ރަށގެ ކައުންސިލްގެ އެއްބާރުލުމާއި އެކު، އާއްމު ރައްޔިތުން ގުޅިގެން މިރަށުގައި ހިންގުނު މިފަދަ އެންމެ ބޮޑު އިޖުތިމާއީ މަސައްކަތް" މާޖިދު ވިދާޅުވިއެވެ.
ކާށިދޫ ޒުވާނުންގެ އިސްނެގުމާއި އެކު އެޅި މިފާލަމަކީ، 140 ފޫޓު ދިގު ފާލަމެކެވެ. އަދި ފާލަން ހަދާފައި ވަނީ، ކޮންކްރީޓާއި ނިރޮޅުންނެވެ. ފާލަން އަޅާފައި ވަނީ ކުރިން ކާށިދޫގައި، އޮތް ބޮޑުގެ ފާލަން އޮތް ތަނާއި ކައިރީގައެވެ. ނިރޮޅުން ހަދާފައިވާ ބޮޑުގެ ފާލަން ވަނީ މީގެ އެތައް އަހަރެއް ކުރިން ރޫޅައިގެން ރިޒޯޓަކަށް ގެންގޮސްފައި ކަމުގައި މާޖިދު ވިދާޅުވިއެވެ.
ކާށިދޫގެ ޒުވާނުން ކުރި މިމަސައްކަތަކީ ރަށުގެ ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާގެ އެހީ އާއި ތަކެތީގެ އެހީގައި ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެއް ކަމަށާއި، މިމަސައްކަތަށް އެރަށުގެ ރައްޔިތެއްކަމުގައިވާ މުމްތާޒު ޖަލީލު ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވިކަން މާޖިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޝްރޫއުގެ މަސައްކަތް ހިންގައި ބަލަހައްޓައި ދިނުމުގައި، މުހައްމަދު ވިސާހްކޮށްދެއްވި މަސައްކަތްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާޖިދު ވިދާޅުވީ، ފާލަން އެޅި ސަރަހައްދު އަދިވެސް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބައެއް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކާށިދޫގެ މިފާލަން ރަސްމީކޮށް އާއްމުންށް ހުޅުވާލުމަށްޓަކައި ރޭގައި ކާށިދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ހުކުރު ދުވަހު ހަވީރު އެސަރަހައްދުގައި ކުޑަކުދިންނަށްވެސް ޚާއްސަ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މިހާރުވެސް 10 ވުރެ ގިނަ ގެސްޓް ހައުސް ހުރި ކާށިދޫއަކީ، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެކެވެ.
ރާއްޖޭގެ ރަށްރަށުގައި ރައްޔިތުންގެ މެދުގައި، ނޭޗަރ ޕާކުތައް ތަރައްޤީ ކުރުމާއި، ގޮނޑުދޮށްތައް ތަރައްޤީ ކުރުމުގެ ރޫހެއް މިހާރުވަނީ އުފެދިފައެވެ. މިގޮތުން ބައެއް ރަށްރަށުގައި އެރަށްރަށުގެ ރައްޔިތުން އިސްނަގައިގެން މިހާރުވެސް ވަނީ ނޭޗަރ ޕާކުތަކާއި، ގޮނޑުދޮށްތައް ހަދައިފައެވެ.
ގައުމުދަވާލި19
މީ ހަމަ މުޅިންވެސް މިއަދުގެ ސަރުކާރުން ރައްޔިތުންނައްޓަ ކާ ކޮށްދޭ ކަންތައްނޫންތޯ ށުކުރިއްޔާ އިބޫސަރުކާރު