ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް 40 ތެރަޕިސްޓުން ހޯދުމަށް ޞިއްޙީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.
ޞިއްޙީ ވުޒާރާއިން ވަނީ އެކި ދާއިރާތަކުން 40 ތެރަޕިސްޓުން ހޯދުމަށް އިޢުލާންކޮށްފައެވެ. މީގެތެރޭގައި ސްޕީޗް ތެރަޕިސްޓް، ބިހޭވިއަރަލް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް އަދި ސައިކޯތެރަޕިސްޓް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް 10 ތެރަޕިސްޓުން ހޯދަންވަނީ އިޢުލާންކޮށްފައެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުވެސް ވަނީ ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ، އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކިކަހަލަ ތެރަޕީތައް ހިމެނޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި، ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީނު ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި، ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި، ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
އަދި މިހާރުން މިހާރަށްވެސް ޙައްލު ހޯދުމުގެ ގޮތުން، ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިޔަރަލް ތެރަޕިސްޓުންނާއި އަދި ފިޒިއޮތެރަޕިސްޓުންނާއި، ސައިކޯތެރަޕިސްޓުން ހިމެނޭހެން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި "ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރު"ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.
"އަދި މި ސެންޓަރުގެ ގޮފިތައް، އެހެން ހުރިހާ ސިޓީތަކެއްގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ. މިސެންޓަރުތައް ޤާއިމުކުރެވުމުން، ތެރަޕީގެ ޚިދުމަތަށް ހިނގާ ހުރިހާ ޚަރަދެއް، މި އަހަރުގެ ޖަނަވަރީ 1 ން ފެށިގެން އާސަންދައިން ދޭގޮތަށް އޮތް އޮތުން މުރާޖަޢާކޮށް، މި މަރުކަޒުތަކުން އެ ހުރިހާ ޚިދުމަތެއް އެންމެ ފެންވަރު ރަނގަޅުކޮށް ދީ، އެ ޚަރަދުން ވަކި އިންސައްތައެއް ހިލޭ ލިބިގެންދިޔުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނަން" ރައީސް ވިދާޅުވިއެވެ.
ޞިއްޙީ ފަރުވާގައި ތެރަޕީއަކީ މުހިއްމު ޚިދުމަތެކެވެ. މާލެ ސަރަޙައްދުގައި ޚިދުމަތް ލިބޭނެ މަގު މިހާރު ފަހިވެފައިވީނަމަވެސް ޚިދުމަތަށް ބޭނުންވެފައިވާ މީހުންނަށް އެކަށީގެންވާގޮތުގައި ޚިދުމަތްދެވޭނެ ޤާބިލުކަމެއް ސަރުކާރު ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކް އަދި ހޮސްޕިޓަލްތަކުގައިވެސް ޤާއިމުވެފައެއް ނެތެވެ. އެހެންކަމުން މިޚިދުމަތްފުޅާކުރުމަކީ ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ.