ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ފާހަގަކޮށްފިއެވެ. ޕެންޝަން ޤާނޫނަށް އިސްލާހު ކުރުމަށް ހުށައެޅި ޖަނަވަރީ މަހުގެ 4ވަނަ ދުވަހުއެވެ.
މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ވަނީ މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީސް، ޕޭ ކޮމިޝަން އަދި މީރާއާ ބައްދަލުކޮށްފައެވެ.
ޕެންޝަންގެ ޤާނޫނަށް ގެންނަ ބަދަލުގައި ގޯތި ގެދޮރު އިމާރާތްކުރުމާއި މަރާމާތަށް ޕެންޝަން ފައިސާ ބޭނުންކުރެވުމާއި، ޓަރމިނަލް އިލްނަސް ނުވަތަ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭގޮތަށް ހެދުން އަދި މީގެ އިތުރުން، ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށް ކަނޑައެޅުން ހިމެނެއެވެ.
ކޮމިޓީ މަރުޚަލާފައި ކުރިއަށްގެންދިޔަ ބިލު ދިރާސާކުރުމުގެ ބައްދަލުވުމުގައި ފިނޭންސްއިން ވިދާޅުވީ މިއީ ރަނގަޅު ބަދަލުތަކެއްކަމަށް ދެކޭކަމަށެވެ. ނަމަވެސް ތަންފީޒީ މަރުޚަލާއަކަށް ދާއިރު، އުސޫލުތަކާއި ޤަވައިދުތައް ފުށުނާރާގޮތަށް، އެންމެ ރަނގަޅަށް އެކަށައެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.
"ގަވައިދާއި އުސޫލުތަކުގެ ސަބަބުން ކުރިމަގުގައި އުފެދިދާނެ މައްސަލަތަކަށް ރިއާޔާތްކުރުން މުހިންމު. ފިނޭންސްއިން ޤަބޫލުކުރާ އިސްލާހުތަކެއް ހުށައަޅާފަވަނީ." ފިނޭންސް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި ބޭފުޅުން ފާހަގަކުރިއެވެ.
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/cJL1DInQ4E
— People's Majlis (@mvpeoplesmajlis) February 16, 2026
ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި އަދި ޕޭ ކޮމިޝަނުންވެސް ވަނީ މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެގޮތުން ގެދޮރުވެރިކަމާ ގުޅޭ ބޭނުންތަކާއި ބޮޑެތި ބާލިތަކުގެ ޙާލަތަކީ މީހުން އެންމެ ބޮޑަށް މާލީ އެހީތެރިކަން ބޭނުންވާ ޙާލަތްތައްކަން ފާހަގަކޮށް، މި ޙާލަތުގައި އެހީ ލިބޭނެ އުސޫލެއް އޮތުމަކީ ލިބޭނެ ބޮޑު ލުޔެއްގެގޮތުގައި ފާހަގަކުރިއެވެ.
މީރާގެ ފަރާތުން ވަނީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދޫކުރާއިރު މިއީ އާމްދަނީ ޓެކުހުގެ ތެރެއަށް ވަންނަކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް ބަޔާންކުރާނެ ގޮތަށް ޤާނޫނަށް ގެންނަ ބަދަލުގައި ހިމެނުމަށް އެދިފައެވެ.
ބައެއް މުވައްސަސާތަކުން ވަނީ ލިޔުމުން ޚިޔާލާއި ލަފާ ހުށައެޅުމަށް މުޙުލަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.