ވިޔަފާރި

އެސްޓީއޯއިން ހުޅުމާލެއާއި މާލޭގައި މަލްޓި-ސްޓޯރީ ވެއަރހައުސްތައް ތަރައްޤީކުރަނީ


ހުޅުމާލެއާއި މާލޭގައި މަލްޓި ސްޓޯރީ ވެއަރހައުސްތައް ތަރައްޤީކުރުމަށް އެސްޓީއޯ ނިންމައިފިއެވެ.

މަލްޓި- ސްޓޯރީ ވެއަރހައުސްތަކަކީ ގިނަ ވެއަރހައުސްތައް ހިމެނޭގޮތަށް ހުންނަ އިމާރާތްތަކެވެ. ރާއްޖޭގައި މިހާރު ހުރި އެސްޓީއޯގެ ގުދަންތަކަކީ މިފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އިމާރާތްތަކެއް ނޫނެވެ.

އެސްޓީއޯއިން ބުނީ މަލްޓީ-ސްޓޯރީ ވެއަރހައުސްތަކާއެކު މުދާ ގުދަން ކުރުމުގައި އެސްޓީއޯއަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ގުދަންކުރުމަށް ތަންތަން ކުއްޔަށް ހިފަންޖެހިފައިވާ ކަމަށާއި އެކަމަށް ބޮޑު ޙަރަދެއް ހިނގާކަމަށެވެ.

އެސްޓީއޯއިން މިހާރުވަނީ މި މަސައްކަތް އެސްޓީއޯއަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމާއި، ޑިޒައިން އަދި ކޮންސަލްޓަންސީގެ ޙިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތައް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، އީ.އޯ.އީ ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14ވަނަ ދުވަހެވެ.

އެސްޓީއޯއިން ރާއްޖެއަށް ގެންނަ މުދާ ގުދަންކުރުމަށް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަލްޓި- ޕޯޕަސް ވެއަރހައުސްއެކެވެ. ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ތަރައްޤީކުރާ މި ވެއަރހައުސްތަކުގެ ބޮޑު މިނުގައި ސާޅީސް ހާސް އަކަފޫޓު ހުންނާނެއެވެ. އަދި އުސް މިނުގައި 18.5 މީޓަރު ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.

އެސްޓީއޯއިން ދެން ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވަނީ ސިިއްޚީ ސާމާނު ރައްކާކުރުމަށް ޙާއްސަ ގުދަނެކެވެ. މި ގުދަން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭ ބުލޮކް ނަމްބަރު 5 ގައެވެ. ވިހިހާސް އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި އިމާރާތުގެ އުސްމިނުގައި 18 މީޓަރު ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.