ދުނިޔޭގެ ވިޔަފާރި

އާމްދަނީ ދަށްވުމުގެ ސަބަބުން އެޗް.އެންޑް.އެމްގެ 250 ފިހާރަ ބަންދުކުރަނީ


ކޯވިޑް-19ގެ ސަބަބުން އާމްދަނީ ދަށްވުމުގެ ސަބަބުން މަޝްހޫރު ފެޝަން ރީޓެއިލަރ އެޗް.އެންޑް.އެމްގެ 250 ފިހާރަ ބަންދުކުރަން ނިންމާފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ މަޤުބޫލު ފެޝަން ރީޓެއިލަރ އެޗް.އެންޑް.އެމްއިން ވަނީ އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އެ ކުންފުނީގެ އައުޓްލެޓްތައް ބަންދުކުރަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުގައި 5000 އަށްވުރެ ގިނަ އައުޓްލެޓް ހިންގަމުންދާ ސުވިޑެންގެ އެޗް.އެންޑް.އެމްއިން ދަނީ ބަންދުކުރާނެ އައުޓްލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗް.އެންޑް.އެމްއިން ބުނީ މި ފިޔަވަޅު އަޅަންޖެހުނީ ކޯވިޑް-19ގެ ސަބަބުން ގޭގައި ބަންދުވެ، އާންމުންގެ މެދުގައި އޮންލައިން ވިޔަފާރި މަޤުބޫލުވެ، އައުޓްލެޓް ހުޅުވައިގެން ފިހާރަ ހިންގުމަށް ކުރަންޖެހޭ ޚަރަދު ދެކޮޅު ނުޖެހޭތީކަމަށެވެ. އަދި ކޯވިޑްގެ ޙާލަތުން އަރައިގަތުމަށްފަހު އަލުން ނިއު ނޯމަލްގައި އައުޓްލެޓްތައް ހުޅުވިއިރު، އެދެވޭ ފައިދާ ނުލިބުމަކީވެސް މި ނިންމުން ނިންމި ސަބަބެއްކަމަށް އެޗް.އެންޑް.އެމްއިން ބުނެއެވެ. އެގޮތުން މިދިޔަމަހު ވިޔަފާރިން ލިބުނު ފައިދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 5 އިންސައްތަ ދަށްކަމަށް އެ ކުންފުނިން ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން އެޗް.އެންޑް.އެމްއަށް ލިބިފައިވާ ގެއްލުން ބޮޑުވެފައިވާއިރު، މިދިޔަ 9 މަހުގެ ތެރޭގައި އެ ކުންފުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެގޮތުގައި ލިބުނު އާމްދަނީ ވަނީ 210 މިލިއަން ޕައުންޑަށް ދަށަށް ގޮސްފައެވެ.

ކޯވިޑްގެ ސަބަބުން މިހާރުވެސް އެޗް.އެންޑް.އެމްގެ 166 އައުޓްލެޓެއް ބަންދުކޮށްފައިވާއިރު، ގިނަ އައުޓްލެޓްތައް ހިންގަމުންދަނީ އައު އާންމު ޙާލަތާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިގެން، މަދު ކަސްޓަމަރުންނަށް ފިހާރަތަކަށް ވަދެވޭ ގޮތަށެވެ.

އެޗް.އެންޑް.އެމްގެ ގިނަ އައުޓްލެޓެއް ބަންދުކުރަން ނިންމާފައިވާއިރު، އެ ކުންފުނީގެ އޮންލައިން ވިޔަފާރި ފުޅާކުރުމަށް ދަނީ ޕްލޭންތައް ހަދަމުންނެވެ. އަދި ޚަރަދުކުޑަކުރުމަށްޓަކައި ސްޓާފުން މަދުކޮށް އިންވެސްޓްމަންޓް ސްޓްރެޓަޖީތައް ބަދަލުކުރުން ފަދަ އަވަހަށް ނަތީޖާ ނިކުންނާނެ އުކުޅުތައް ބޭނުންކުރަމުންދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެޗް.އެންޑް.އެމްގެ ޗީފް އެގްޒެކެޓިވް ހެލެނަރ ހެލް މާސަން ވަނީ ކޯވިޑްގެ ސަބަބުން ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ދުވަސްތައް ކަޑައްތުކުރެވިއްޖެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ކުރިމަގުގައި އެކުންފުނިން އަޅާ ފިޔަވަޅަކީ ވަރަށް ވިސްނުމަށްފަހު އަޅާނެ ފިޔަވަޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެޗް.އެންޑް.އެމްއިން ޤައުމުތަކުގައި އައުޓްލެޓްތައް ހުޅުވަނީ ކޮންމެ އަހަރެއް ނިމުމަށްފަހު އައުޓްލެޓްތައް ހިންގުމުގެ ކޮންޓްރެކްޓަށް ބަދަލު ގެނެވޭގޮތަށްކަމުން އެޗް.އެންޑް.އެމްގެ ފިހާރަތައް ބަންދުކުރުމަށް ނިންމި ނިންމުމަށް، މާބޮޑު ހުރަސްތަކެއް ދިމާނުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.