ޚަބަރު

ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ފުރުސަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ "މައި އެޑިޔު" ޕޯޓަލް މެދުވެރިކޮށެވެ.
މިސްކޮލަރޝިޕަށް އެދުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 15 ވަނަ ދުވަސްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ސްކޮލަރޝިޕްގައި އެމްބީބީއެސް އަށް ކިޔެވުމުގެ 4 ފުރުޞަތާއި ބެޗެލަރ އޮފް ޑެންޓިސްޓްރީއަށް ކިޔެވުމުގެ 1 ފުރުޞަތު ރާއްޖެއަށް ވަނީ ދީފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ މި ކޯސްތަކުގައި ކިޔެވުމަށް ޕާކިސްތާނުގެ 14 ޔުނިވަރސިޓީއެއް ލިސްޓްކޮށްފައިވާކަމަށެވެ. ބެޗެލަރސް ޑިގްރީ ލެވެލްގެ މި ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީ.ސީ.އީ އޯލެވެލް /އައި.ޖީ.ސީ.އެސް.ސީ /އެސް.އެސް.ސީ އިމްތިހާނުގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުމާއި ޖީ.ސީ.އޭ ލެވެލް ތިން މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުމެވެ.

މިނިސްޓްރީން ވިދާޅުވީ މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސްއިންކަމަށެވެ. މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ. މި ސްކޮލަރޝިޕް ދޭ ކޮލެޖްތަކުގެ ހޮސްޓެލް ފީ އަކީ ކެއުމުގެ ޚަރަދު ނުލާ މަހަކު 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަދަދެއްކަމަވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި ކޯސްތަކުގެ އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތަކުގެ ތަފްސީލް މިނިސްޓްރީގެ ވެބްސައިޓުގައި އަޕްލޯޑް ކޮށްފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވަނީ އެކެޑެމިކް މެރިޓްއަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.