ވިޔަފާރި

ރިޓްޒް ކާލްޓަންގެ ފުރަތަމަ ރިސޯޓް އަންނަ އަހަރު ރާއްޖޭގައި ހުޅުވަނީ


ރިޓްޒް ކާލްޓަން ބުރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު، ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ރިޓްޒް ކާލްޓަންއިން ހާމަކޮށްފިއެވެ.

މާލެ އަތޮޅުގައި ތަރައްޤީކުރާ ރިޓްސް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި 50 މިނެޓުން މި ރިސޯޓަށް ދެވޭނެއެވެ. އަދި ސީޕްލޭންގައި 10 މިނެޓުން މިރިސޯޓަށް ދެވޭނެއެވެ.

މި ރިސޯޓުގައި އެއް ކޮޓަރީގެ ވިލާތަކާއި ތިން ކޮޓަރީގެ ވިލާތަށް ހުންނާނެއެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތަކާއި، ރިޓްސް ކާލްޓަންގެ ސްޕާއެއްގެ ޙިދުމަތް މި ރިސޯޓުން ލިބޭނެއެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން އިންޓަރގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްޤީކުރާ ފަރި އައިލެންޑްސްގެ އެއް ރިސޯޓެވެ. މި ތަނުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތިން ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ހޮޓާ ޗެއިން ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ރިޓްޒް ކާލްޓަންގެ ރިސޯޓުގެ އިތުރުން، ކަޕެލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓަކާއި ޕެޓީނާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓެެއް ފަރި އައިލެންސްގައި ހިމެނެއެވެ.

މި ތިން ރިސޯޓުންވެސް ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕޮންޓިއާކުން ބުނެއެވެ.