ވިޔަފާރި

އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ


އެމިރޭޓްސް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

އެމިރޭޓްސްއިން އަންނަނީ ރާއްޖެއަށް މިހާރު ހަފްތާއަކު 6 ދަތުރު ބާއްވަމުންނެވެ. އަދި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް އެމިރޭޓްސްއިން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެމިރޭޓްސް އެއަރލައިންގެ ދަތުރުތައް ވަނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފަށާފައެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައިވަނީ ހަފްތާއަކު 5 ދަތުރުންނެވެ. އެހެން ނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑު ރަނގަޅުކަން ފާހަގަކޮށް އެއަރލައިނުން ވަނީ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު 6 ދަތުރުކުރަން ފަށާފައެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމިރޭޓްސްއިން ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލިނަމަވެސް މިހާރު އެއަރލައިނުން ދަނީ ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، މިދިޔަމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫ.އޭ.އީ އިންނެވެ. އެގޮތުން ޖުލައިމަހުގެ 15 އިން މި ނިމުނު ސެޕްޓެމްބަރމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ޔޫ.އޭ.އީން ރާއްޖެއަށް 2607 ފަތުރުވެރިންވަނީ އައިސްފައެވެ.