ޚަބަރު

"ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދާ މީހުން އިތުރުވުމުން، ދައްކުވައިދެނީ ޚިދުމަތަށް އޮތް އިތުބާރު"


ހދ.ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ ޢަދަދު އިތުރުވެފައިވުމަކީ އެހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކާއި، ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ނައިބުރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގައި ދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި، ކޯވިޑް-19ގެ ޙާލަތުގައި ވެސް، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާގުޅޭ އެހެން އިދާރާތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައި، އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާގުޅޭ ހުރިހާ މުޢައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ހޮސްޕިޓަލްގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަނީ ޙިއްޞާކުރައްވާފައެވެ.

ނައިބުރައީސްގެ މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކުޅުދުއްފުށީ ތަމްސީލްކުރައްވާ ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ، އެސްޓީއޯ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.