ވިޔަފާރި

މާދަމާއިން ފެށިގެން އިއްޒުއްދީން ފާލަން ކުއްޔަށް ދޫކުރަނީ


މާދަމާއިން ފެށިގެން އިއްޒުއްދީން ފާލަމާއި އެފާލަމުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެއްނަންބަރު ޖެޓީއާއި ދެނަންބަރު ޖެޓީ ސަރަހައްދުގައި ވިޔަފާރި އުސޫލުން ޚިދުމަތްދޭން ފަށާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.އިއްޒުއްދީން ފާލަން މަރާމާތުކޮށް ބެލެހެއްޓުމާއި، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް ހައުސިންގ މިނިސްޓްރީއާ، އެމް.ޓީ.ސީ.ސީ އާ ދެމެދު ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އިއްޒުންދީން ފާލަމުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމައްޓަކައި ޚަރަދުތަކެއް ހިނގަމުންދާނެކަމަށާއި، އެހެންކަމުން އެޚަރަދުތައް ހޯދުމަށާއި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ވިޔަފާރި އުސޫލުން ފާލަން ހިންގުމަށް ނިންމާފައިވާކަމަށެވެ. އިއްޒުއްދީން ފާލަމުގެ ބޭނުންކުރާ އުޅަނދު ފަހަރު އެކުންފުނީގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. މިގޮތަށް ޚިދުމަތަށް އެދި ހުށައެޅުމުން ފާލަމުގެ ޚިދުމަތް ލިބިގެންދާނީ ހަމައެކަނި ކުންފުނިންދޭ ސްޓިކާއެއް ބޭނުންކުރާ ފަރާތްތަކަށެވެ.ދުވާލަކަށް 150 ރުފިޔާގެ މަގުން މަސްދުވަހަށް އުޅަނދުތަކުން އަގު ނަގާގޮތަށް އެމް.ޓީ.ސީ.ސީ އިން ވަނީ ނިންމަވާފައެވެ. އަދި އެމުއްދަތަށް ރަޖިސްޓްރީކޮށްފައިވާނަމަ އެއުޅަނދަކަށް ކިތަންމެ ގިނަ ފަހަރަކުވެސް ފާލަމުގެ ބޭނުން ހިފޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މީގެ އިތުރުން ވަގުތީ ގޮތުން ޢިއްޒަތްދީން ފާލަމާއި، 1 ނަމްބަރު އަދި 2 ނަމްބަރު ފާލަމަށް ގާތްކުރާ ކޮންމެ ފަހަރަކަށް 500 ރުފިޔާ ދައްކަން ޖެހެއެވެ.  މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، މި ސަރަޙައްދު އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވަން ނިންމެވީ، އެސަރަހައްދަކީ މާލޭގެ އެންމެ މުހިންމު ސަރަހައްދަށްވެފައި އެކަށީގެންވާ އުސޫލެއްގެ މަތީން ހައުސިންގ މިނިސްޓްރީއާއި ގުޅިގެން އިއްޒުއްދީން ފާލަން ސަރަހައްދު ބެލެހެއްޓުމަށްކަމަށެވެ.