ދުނިޔޭގެ ވިޔަފާރި

20 އަހަރަށްފަހު އިނގިރޭސިވިލާތުގެ ގެރިމަސް އެމެރިކާ ބަޒާރަށް


20 އަހަރަށްވުރެ ގިނަދުވަހަށްފަހު އިނގިރޭސިވިލާތުން އެމެރިކާއަށް ގެރިމަސް އެކްސްޕޯޓްކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގައި ޕްރޮސެސްކުރާ ގެރިމަސް އެމެރިކާއަށް އެކްސްޕޯޓްކުރުން ހުއްޓާލީ 1996 ވަނަ އަހަރު އިނގިރޭސިވިލާތުގައި ޕްރޮސެސްކުރި ގެރިމަހުގައި ނުރައްކާތެރި ވައިރަހެއް ހުރިކަން ސާބިތުވެ، އެބަލި ބާރު ސްޕީޑެއްގައި އެ ޤައުމުގެ ގެރިބަކަރީގައި ފެތުރެން ފެށުމުންނެވެ. "މޭޑް ކައު ޑިޒީސް"ގެ ނަން ދީފައިވާ މި ބަލި އާންމުކޮށް ފެތުރެން ފެށުމުން ބަލި އެއްކޮށް ކޮންޓްރޯލްކޮށް ޖީލުތަކަށް ނުފެތުރޭފަދަ ގޮތަކަށް ރައްކާތެރިކަން ކަށަވަރުވުމުން ނޫނީ އިނގިރޭސިވިލާތުން ގެރިމަސް އެތެރެނުކުރަން އެމެރިކާ ސަރުކާރުން ނިންމިއެވެ.

20 އަހަރަށްވުރެ ގިނަދުވަހަށްފަހު އިނގިރޭސިވިލާތުން އެމެރިކާއަށް ގެރިމަސް އެކްސްޕޯޓްކުރަން ފަށާފައިމިވަނީ، އެމެރިކާއިން ގިނަ ކަންތައްތަކެއް ބެލުމަށްފަހުއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ފުޑް ސޭފްޓީ އިންސްޕެކްޝަން ސަރވިސްއިން ވަނީ އިނގިރޭސިވިލާތުގެ ލައިވްސްޓޮކް އެކްސްޕޯޓް އޮޑިޓްތަކެއް ހަދާފައެެވެ. އެގޮތުން ގެރި މަހާއި، ބަކަރި މަސް އަދި އޫރު މަސް އެކްސްޕޯޓްކުރުމުގެ އޮޑިޓަށްފަހު އޫރުމަސް އެތެރެކުރުން ކުރިއަށް ގެންދިއުމުގެ ހުއްދަވަނީ ދީފައެވެ. މިހާރު ގެރި މަސް އެތެރެކުރުމުގެ ހުއްދަދީފައިވާއިރު، ބަކަރި މަސް އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމެރިކާއަކީ އިނގިރޭސިވިލާތުން ލައިވްސްޓޮކް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ޤައުމެވެ. އެގޮތުން އިނގިރޭސިވިލާތުގެ ގެރިމަސް އެމެރިކާއަށް އެކްސްޕޯޓްކުރަން ފެށުމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 66 މިލިއަން ޕައުންޑްގެ ފައިދާވާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ. މި ނިންމުމަށް އިނގިރޭސިވިލާތުގެ އާންމުންނާއި ޖަމިއްޔާތަކުންވެސް ދަނީ މަރުޙަބާ ކިޔަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެގްރިކަލްޗަރ ހޮރިކަލްޗަރ ޑިވެލޮޕްމެންޓް ބޯޑުން ވަނީ މި ނިންމުމަކީ އެ ޤައުމުގެ ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ ތާރީޚީ ނިންމުމެއްކަމަށް ސިފަކޮށްފައެވެ.

އިނގިރޭސިވިލާތުން އެމެރިކާއަށް ގެރިމަސް އެކްސްޕޯޓްކުރަން ފަށާފައިވާއިރު، ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އެމެރިކާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ކާމިޔާބު ވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.