ދުނިޔެ

ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ޔޫއޭއީން ކުރިމަތިލައިފި


އދ.ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ ގޮނޑިއަކަށް ކުރިމަތިލާފައިވާކަމަށް ޔޫއޭއީއިން ބުނެފިއެވެ. 15 ގޮނޑީގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި 5 ދާއިމީ މެންބަރުންގެ އިތުރުން ވަގުތީ 10 މެންބަރުން ހިމެނެއެވެ. ވަގުތީ މެންބަރުންނަކީ ކޮންމެ ދެ އަހަރަކުން އެއްއަހަރު ބަދަލުވާ މެންބަރުންނެވެ. 2022ން 2023އަށް ހިންގާ ދައުރަށް އަންނަ އަހަރުގެ ޖޫން މަހުގައި ފަސް ޤައުމެއް ކަނޑައަޅާނެއެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚު އަބްދުﷲ ބިން ޒައިން އަލްނަހްޔާން ވިދާޅުވީ ބައިނަލްއަޤްވާމީ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް އެ ޤައުމުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ސަލާމަތީ މަޖިލީހުގެ އެހެން މެންބަރު ޤައުމުތަކާ ގުޅިގެން ޔޫއޭއީއިން މަސައްކަތްކުރާނެކަމަށެވެ. މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތައް ޙައްލުކުރުމަށް ޔޫއޭއީއިން ފަސްޖެހުމެއްނެތި ކެރިގެން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ޔޫއޭއީއިން ކުރާ މަސައްކަތް ބިނާކުރާނީ ބައިވެރިވުން އިތުރުކުރުމަށާއި އައު ޚިޔާލުތަކާއި ވިސްނުންތަކަށް ހިތްވަރުދިނުމަށާއި އުދަގޫ ޙާލަތްތަކުން އަރައިގަތުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް ސުލްޙަ ޤާއިމްކުރުމުގެ މައްޗަށްކަމަށެވެ. ޔޫއޭއީއިން އެންމެ ފަހުން ސަލާމަތީ މަޖިލީހުގައި މެމްބަރުންކަންކުރީ 1986ން 1987ވަނަ އަހަރަށެވެ.

އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް މިދިޔަ މަހުގެ ތެރޭގައި ޔޫއޭއީއިން ނިންމުމުން ބައިނަލްއަޤްވާމީ ޚާރިޖީ މައިދާނުގައި ޔޫއޭއީގެ ދައުރުވަނީ އިތުރުވެފައެވެ. ޔޫއޭއީގެ ނިންމުމާއި އެއްގޮތަށް ބަހުރައިނުންވެސްވަނީ އަމަލުކޮށްފައެވެ. ބެލެވޭ ގޮތުގައި ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު އެއްގަލަކަށް އަރައި ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށެވެ.