ޚަބަރު

ކުވައިތުގެ އައު އަމީރު ހުވައިކުރެއްވުން، ގޮވާލެއްވީ އެއްބައިވަންތަވުމަށް


ކުވައިތުގެ އައު އަމީރު ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙު މަޤާމުގެ ހުވައި ކުރައްވައިފިއެވެ. އުމުރުން 83 އަހަރުގެ ޝައިޚު ނަވާފު އަމީރުކަމުގެ ހުވައި ކުރެއްވީ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ބޭއްވި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކުވައިތުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުންވަނީ އައު އަމީރުކަމަށް އޭރު ވަލީ އަޙުދުގެ ގޮތުގައި ހުންނެވި ޝެއިޙު ނަވާފު އައްޔަނުކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އަމީރު ޝައިޚު ނަވާފު ވިދާޅުވީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތުގެ ފާގަތިކަމާއި ހަމަޖެހުމަށާއި ސަލާމަތަށް މަސައްކަތްކުރައްވާނެކަމަށެވެ. އުނދަގޫ އަދި ނުރައްކާތެރި ޙާލަތްތަކެއް ޤައުމަށް ކުރިމަތިވެފައިވާކަމަށާއި އެ ދަތިތަކުން އަރައިގަނެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

2006ވަނަ އަހަރުން ފެށިގެން ކުވައިތުގެ އަމީރުގެ ގޮތުގައި ހުންނެވި ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވީ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު އެމެރިކާގެ ހަސްފަތާލެއްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވެފައިވަނީ ކޯވިޑް-19ގެ ސަބަބުންނާއި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ކުވައިތުގެ އިޤްތިޞާދަށް ލޮޅުން އަރައިފައިވާ ދަނޑުވަޅެއްގައެވެ. އޭނާގެ ޖަނާޒާއަށް މިއަދުގެ ވަގުތެއްގައި ކުވައިތަށް ހަށިކޮޅު ގެންނާނެއެވެ. ކޯވިޑް-19ގެ ސަބަބުން ޖަނާޒާގައި ބައިވެރިވާނީ ޝާހީ ޢައިލާގެ ބޭފުޅުން އެކަންޏެވެ.