ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބު: ފުރަތަމަ ރިޔާސީ ބަހުޘް ވީ ބޮޑު އަރައިރުމަކަށް


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު އެމެރިކާގައި ބާއްވާ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑުޑޭޓުންގެ މެދުގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުޘްގައި ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

އެމެރިކާގެ ކްލީވްލޭންޑުގައި ބޭއްވި ބަހުޘްގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބަހުޘްގައި ވާހަކަދެއްކުމަށް ހަ މައުޟޫއެއް ކަންޑައަޅައިފައި އޮތް ނަމަވެސް 90މިނެޓުގެ ބަހުޘްގައި ދެ ބޭފުޅުންވެސްވަނީ މަޢުޟޫތަކާބެހޭގޮތުން ވާހަކަދެއްކެވުމުގެ ބަދަލުގައި ޒާތީގޮތުން އަރައިރުންވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ރައްދުކުރައްވާފައެވެ. ރައީސް ޓްރަންޕުވަނީ ބައިޑަނާއި އޭނާގެ ޢާއިލާއަށް ނިސްބަތްކުރައްވާ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން ބައިޑަންގެ ދެ ދަރިކަލުންނާ ގުޅޭގޮތުންވެސް ޓްރަންޕުވަނީ ވާހަކަ ދައްކަވާފައެވެ. ދެ ބޭފުޅުންވެސްވަނީ ވާހަކަ ދެއްކެވުމުގައި ވަރަށް ބޭއަދަބީ ބަސްކޮށާރު ބޭނުންކުރައްވާފައިވެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންވަނީ ދެ ބޭފުޅުންނަށްވެސް ރައްދުވެފައެވެ.

ބަހުޘް ކުރިއަށް ދިޔަ ވަގުތު ރައީސް ޓްރަންޕުވަނީ އޭނާއަށް ވާހަކަ ދެއްކެވުމަމަށް ފުރުޞަތު ލިބޭ ވަގުތަށްވުރެ ދިގުކޮށް ވާހަކަ ދައްކަވައި ބައިޑަންއަށް ވާހަކަދެއްކުމުގެ ފުރުޞަތު ނުދެއްވާ އެކަމަށް ހުރަސް އަޅުއްވާފައެވެ. ބަހުޘްގެ މޮޑަރޭޓަރުވަނީ ޤައުމުގެ މަސްލަހަތަށް ރަނގަޅު ގޮތަކީ ދެ ފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުންކަމަށް ޓްރަންޕަށް ހަނދާންކޮށްދީފައެވެ. ނަމަވެސް އެކަމަށް ބެލުމެއް ނުބަހައްޓަވާ ޓްރަންޕުވަނީ ތަކުރާރުކޮށް ބައިޑަންއަށް ހުރަސް އަޅުއްވާފައެވެ. އެކަމާމެދު ހިތްހަމަ ނުޖެހި ބައިޑަންވެސްވަނީ ޓްރަންޕާ މުޚާތަބުކުރައްވާ ބޭއަދަބީކޮށް ވާހަކަ ދައްކަވާފައެވެ.

ފާއިތުވި ދުވަސްތަކުގައި ނަސްލީ ތަފާތުކުރުމާއި ކަޅު ނަސްލުގެ މީހުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އެމެރިކާގައިދަނީ ގިނަ މުޒާހަރާތަކެއް ކުރަމުންނެވެ. ދޮން ނަސްލުގެ މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މޮޅު ބައެއްގެ ގޮތުގައި ދެކޭ މީހުންގެ ޢަމަލުތައް ކުށްވެރިކުރައްވަންތޯ ސުވާލުކުރުމުން ރައީސް ޓްރަންޕްވަނީ ސުލްޙަ ޤާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ފުރަތަމަ ވިދާޅުވެފައެވެ. ނަމަވެސް ހަމަނުޖެހުންތަކާއި ހަމަނުޖެހުންތައް ހިންގަނީ ކަނާތު ފިޔައިން ނޫންކަމަށާއި އެއީ ވައަތު ފިޔައިގެ މައްސަލައެއްކަމަށް ވިދާޅުވެ 'ވައިޓް ސުޕްރީމިސްޓުން'ގެ ޢަމަލުތައް އޭނާ ކުށްވެރިކުރައްވާފައެއް ނުވެއެވެ.

އޭގެ އިތުރުންވެސް ޓްރަންޕުވަނީ ޕޯސްޓު މެދުވެރިކޮށް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ސަބަބުން ވޯޓު އޮޅުވާލުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރުމަށާއި އިންތިޚާބުގައި ނާކާމިޔާބުވެއްޖެނަމަ ސުލްހަވެރިކަމާއެކު ވެރިކަން ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެއްވެސް ނުވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މިވަގުތު ރިޔާސީ ރޭހުގެ ކުރީގައި އުޅުއްވަނީ ބައިޑަނެވެ. ނަމަވެސް ބައެއް ވަރުގަދަ ސްޓޭޓުތަކުގައި ދެ ބޭފުޅުންގެ ދެމެދުގައި އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެވަނަ ރިޔާސީ ބަހުޘް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުއެވެ.