މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފިއެވެ. ފުލުހުން ވިދަޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު 00:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިންކަމަށް ފުލުހުން ވިދާޅުވެއެވެ. މިމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފަވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ކޯތުން ވަނީ ދީފައިވެއެވެ.
މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.