ދުނިޔޭގެ ވިޔަފާރި

ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ވޯލްޑް ބެންކުން ފަންޑު ހޯދަނީ


ކޯވިޑްއަށް ވެކްސިނެއް ހޯދިއްޖެނަމަ ފަޤީރު ޤައުމުތަކަށް އެ ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ވޯލްޑް ބެންކުން ފަށައިފިއެވެ.

ވޯލްޑް ބެންކުން ބުނީ ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް 12 ބިލިއަން ޑޮލަރުގެ ހަމަޖައްސައިދިނުމަށް ވޯލްޑް ބެންކުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިފައިސާއަކީ އެންމެ ފަޤީރު ޤައުމުތަކަށް ވެކްސިން ގަތުމަށާއި ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.

ވޯލްޑް ބެންކުން ބުނާގޮތުން ކޯވިޑްގެ ކުރިން ދުނިޔެ އޮތް ޙާލަތަށް އަނބުރާ ދިއުމަށް އޮތް ހަމައެކަނި އުއްމީދަކީ ކޯވިޑްއަށް ވެކްސިނެއް ހޯދުންކަމަށެވެ. އަދި ސިއްހީ ރައްކާތެރިކަން ކަށަވަރުނުވާނަމަ ދުނިޔޭގެ އިޤްތިޞާދަށްވެސް ދިރުމެއް ނާންނާނެކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން ވޯލްޑް ބެންކުން ވަނީ މިހާތަނަށް 111 ޤައުމަކަށް އިމަންޖެންސީ ރެސްޕޮންސް ޕްރޮގްރާމްތައް ފަށާފައެވެ. އަދި އޭޕްރީލްއިން ޖޫންމަހުގެ ނިޔަލަށް ވޯލްޑް ބެންކުން ވަނީ އެހީގެ ގޮތުގައި 45 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް ފޯރުކޮށްދީފައެވެ. \